[HEADER BANNER]
[AD]

އިހަވަންދޫ މަދަރުސާގެ ޕީ.ޓީ.އޭ އިން އެއްލައްކަ ފަސްދޮޅަސް ހާހަށް ވުރެން ގިނަ ރުފިޔާ ހޯދައިފި

19 އޭޕުރީލު 2015 6

ދަބަރި ގްރޫޕްގެ މަސައްކަތް ނިންމާލުމަށްފަހު ލިބުނުފައިސާ އެގްރޫޕްގެ މެންބަރުން ގުނަނީ، ފޮޓޯ: އިހަވަންދޫޑޮޓްކޮމް

އިހަވަންދޫ  މަދަރުސާގެ ޕީ.ޓީ.އޭ އިން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި މަސައްކަތު ދުވަހުގައި ، 163,329/29 ( އެއްލައްކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ އޮނަތިރީސް ރުފިޔާ އޮނަތިރީސް ލާރި) އާއި 60  ( ފަސްދޮޅަސް ) އެމެރިކާ ޑޮލަރ ހޯދައިފިއެވެ.

މިނޫހަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި، އެމަދަރުސާގެ ޕްރިންސިޕަލް އަހުމަދު ރަޝީދު ވިދާޅުވީ " މިފައިސާ ޚަރަދުކުރެވޭނީ  މަދަރުސާގެ ލައިބްރަރީ މުއްސަނދި ކުރުމަށް، އަދި ސްކޫލްގައި ގާއިމްކޮށްފައިވާ އައި.ސީ.ޓީ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް އެވަޞީލަތްތައް ދެމެހެއްޓުމަށް" ކަމަށެވެ. އިއްޔެގެ މަސައްކަތު ދުވަސް އެސްކޫލުގެ ޕީޓީއޭއިން އިންތިޒާމްކޮށްފައިވަނީ، އެމަދަރުސާގެ މުވައްޒަފުންނާއި، ބެލެނިވެރިން ގްރޫޕްތަކަށް ބަހައިލާ ގެންނެވެ. މިގޮތުން، އެމަދަރުސާގެ މުވައްޒަފުންވަނީ 3 ގްރޫޕަކަށް ބަހައިލާފައެވެ. އެއީ ފިރިހެން މުވައްޒަފުންގެ ދެގްރޫޕާއި، އަންހެން މުވައްފަޒުންގެ އެއްގްރޫޕެވެ. ބެލެނިވެރިންވަނީ ހަތަރު ގްރޫޕަށް ބަހާލައިފައެވެ. މީގެ އިތުރުން ރަށުގެ ސަރުކާރު މުއައްސަސާތައް ކަމުގައިވާ، އިހަވަންދޫ ކައުންސިލް އިދާރާ އާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ ޞިއްޙީ މަރުކަޒާއި، ފެނަކަ ކޯޕަރޭސަނުން ބައިވެރިވެފައިވެއެވެ.

އެމަދަރުސާގެ ޕްރިންސިޕަލް ފާހަގަކުރެއްވީ ޕީޓީއޭގެ މަސައްކަތު ދުވަސްވަނީ ވަރަށް ފުރިހަމައަށް އިންތިޒާމްކޮށްފައިކަމަށެވެ. އެކަމަށްޓަކައި ޕީޓީއޭގެ ހިންގާކޮމެޓީއަށް ޝުކުރުދަންނަވާ ކަމަށެވެ. ޙާއްޞަކޮށް، ޕީޓީއޭގެ ނައިބްރައީސަށާއި ކޯޑިނޭޓާރަށާއި، ސެކްރެޓްރީއަށް ވަރަށް ޙާއްޞަ ޝުކުރެއް ދަންނަވާކަމަށެވެ.

މަސައްކަތު ދުވަހުގެ ގްރޫޕްތަކަށްވަނީ އެމަދަރުސާގެ ދިވެހި ޑިޕާޓްމަންޓުގެ ބެއްލެވުމުގެ ދަށުން ޙާއްޞަ ނަންތަކެއް ވެސް ދީފައެވެ. މަސައްކަތު ދުވަހުގެ ގްރޫޕްތަކަށް، ދީފައިވާ ނަންތަކުގެ ތެރޭގައި، މިންނާދަ، އުއްތަރަ، ކަށަދާނަ، ކަންތުރަ، ގޯތުރަ، ފުރަވީރު އަދި މަންދޭރަ ފަދަ ނަންތައް ހިމެނެއެވެ.

މަސައްކަތު ދުވަހުގެ މަސައްކަތުން އެންމެ ގިނަ ފައިސާ ހޯދާފައިވަނީ އިހަވަންދޫ ކައުންސިލް އިދާރާ،  މިންނާދަ ގްރޫޕެވެ. އިހަވަންދޫ ކައުންސިލް އިދާރާއިން ޖުމުލަ -/24265 އާއި 13 ޔޫއެސް ޑޮލަރު ހޯދާފައިއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ  ހޯދާފައިވަނީ ސިތާރާގެ ޙަލީމަތު މޫސާގެ (އުއްތަރަ ) ގްރޫޕެވެ. އަދި ތިންވަނަ ހޯދާފައިވަނީ އުސްއަކުރުގޭ ނަޝީދާ ޢަބުދުﷲ ގެ ( ކަށަދާނަ) ގްރޫޕެވެ.

އިހަވަންދޫ މަދަރުސާގެ ޕީޓީއޭގެ ރައީސް، އެމަދަރުސާގެ ޕްރިންސިޕަލް ވިދާޅުވިގޮތުގައި، އެއްވަނައަށް އާ ގްރޫޕަށް ޖޭއޭ މަނަފަރު ރިސޯޓްގެ ހެޔޮއެދުންތަކާއިއެކު، އެރިސޯޓްގައި ރޭގަނޑުގެ ފަރިއްކޮޅެއް ދިނުމަށްވަނީ ވަނީ ހަމަޖެހިފައެވެ. ދެވަނަ އަދި ތިންވަނަ އާ ގްރޫޕަށްވެސް ރަނގަޅު އިނާމެއް ދެއްވާނެކަމަށް ޕްރިންސިޕަލް ވިދާޅުއެވެ.

" ގްރޫޕްތަކުން މަސައްކަތްކޮށްދެއްވާފައިވަނީ ، ޤައުމީ ރޫހެއްގައި. ވަރަށް އިޚްލާޞްތެރިކަމާއެކު، މި ދުވަހުގެ ޓާގެޓް ޙާޞިލްކުރެވޭތޯ. އެއީ މަދުވެގެން އެއްލައްކަ ރުފިޔާ ހޯދުމަށް. ނުހަނު ބުރަކޮށް، ވަރަށް ފުރިހަމައަށް، އެއްބައިވަންތަކަމާއެކު، މިމަސައްކަތު ދުވަހާމެދު، އެއްވެސް ފަރާތެއްގެ ޚިޔާލުތަފާތުވުމެއްނެތް، ބެލެނިވެރިންނާއި ، ސްކޫލްގެ މުވައްޒަފުންނާއި، މުވައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލަށް ހެޔޮއެދޭ ފަރާތްތަކާއި، އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިފައިވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް، އެފަރާތްތަކުން ދީފައިވަނީ ނުހަނު ދީލަތި އެހީތެރިކަމެއް، އެކަމަށްޓަކައި، ހިތުގެ އެންމެ ފުންމިނުން ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ޕްރިންސިޕަލް ވިދާޅުވިއެވެ. " މިއީ މިހާތަނަށް މިސްކޫލްގެ ތާރީޚްގައި ޕީޓީއޭގެ މަސައްކަތު ދުވަހެއްގައި އެންމެ ގިން އަދަދަކަށް ފައިސާ ހޯދި ފުރަތަމަ ފަހަރު. އަދި ރަށުގެ މުއައްސަސާތައް ޝާމިލްކޮށްގެން މިމަދަރުސާއިން މަސައްކަތު ދުވަހެއް ބޭއްވި ފުރަތަމަ ފަހަރުވެސް މެ. މިފުރުޞަތުގައި އެއްވަނަ ހޯދި އިހަވަންދޫ ރަށުކައުންސިލް އިދާރާގެ މުވައްޒަފުންނާއި ކައުންސިލަރުންނަށް ޝުކުރު ދަންނަވަން"

މަދަރުސާގެ ޕްރިންސިޕަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޢަބުދުﷲ ވަނީ މިމަސައްކަތު ދުވަހުގައި ބައިވެރިވުމުގެ ގޮތުން -/20000 (ވިހިހާސް) ރުފިޔާ ދެއްވާފައެވެ.

 

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ, ޕީޓީއޭ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

2013 ވަނަ އަހަރުވެސް ތިމަދަރުސާގަ މަސައްކަތު ދުވަހެއް ފާހަގަ ކުރި․ އޭރުވެސް މަޖިލިސް މެމްބަރަކު ހުރޭ․

– 19 އޭޕުރީލު 2015 0

އަހަރެން މިހުރީ ބިރުން․ އަމީނިއްޔާ ޕުރިންސިޕަލަށް ހެދި ގޮތަށް އަހަރެމެންގެ ޕުރިންސިޕަލަށްވެސް ހަދާފާނެތީ․

– 19 އޭޕުރީލު 2015 0

ކައުންސިލް ހަބޭސް․

– 19 އޭޕުރީލު 2015 0

އަޅެ މިސަރުކާރުގަ ސުކޫލެއްގެ ލައިބުރަރީއަށް ފޮތެއް ދެވޭނެ ވަރުވެސް ނެތީތަ؟ މަތިމައްޗަށް ޑެޕިއުޓީ މިނިސްޓަރުންނާ ކޯޑިނޭޓަރުން އަޅާފަ އޮތް މިނިސްޓުރީއެއް ތިއީވެސް

– 19 އޭޕުރީލު 2015 1

މިމަސައްކަތު ދުވަހާމެދު، އެއްވެސް ފަރާތެއްގެ ޚިޔާލުތަފާތުވުމެއްނެތް، މިއީ ގޯސްކޮށް ބުނެފައިވާ އެއްޗެއް․ މަސައްކަތު ދުވަސް ފާހަގަ ކުރާތީ ރަށުގެ ހޮޅުއަށިތަކާ ފިނިއަށިތައް ހީވަނީ އެހެންކަމެއްހެން․ ޔާމިނުގެ އިސްތިއުފާއަށްވެސް ގޮވި․

– 19 އޭޕުރީލު 2015 0

ސަރުކާރުގެ ދޯހަޅިކަމުން، ސުކޫލުތަކަށް ނުކޮށްދެވިހުންނަ ކަންތައްތައް ސުކޫލާ ބެލެނިވެރިން އިސްނަގައިގެން ކުރުމުން ސަރުކާރުން ދެކެނީ އެއީ ސުކޫލަށް ގެއްލުންދެނީ ކަމަށެެވެ. އަމީނިއްޔާ ސުކޫލަށްވެސް ވީ އެހެންނެވެ. އަމީނިއްޔާ ޕުރިންސިޕަލް އަށް ވީގޮތަށް ޕުރިންސިޕަލް އަހުމަދު ރަޝީދަށް ނުވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ

– 20 އޭޕުރީލު 2015 0