[HEADER BANNER]
[AD]

މަދަރުސާގެ އިތުރު ހަރަކާތްތަކަށް ހާއްސަ ބިން ސާފުކުރުމުގެ މަސައްކަތް ކޮށްފި

13 އޭޕުރީލު 2015 1

ބިންސާފުކުރުމުގެ މަސައްކަތުގެ މަދަރުސާގެ ދަރިވަރުންތަކެއް ބައިވެރިވަނީ. ފޮޓޯ: ޙަމީދު / އިހަވަންދޫޑޮޓްކޮމް

އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް އިތުރުހަރަކާތްތައް ހިންގުމަށްޓަކައި ލިބިފައިވާ ބިން ސާފުކުރުމުގެ މަސައްކަތް އެމަދަރުސާއިން ކޮށްފިއެވެ.

ބިންސާފުކުރުމަށްޓަކައި މަދަރުސާގެ ބެލެނިވެރިންގެ ގުޅުމުގެ ޖަމިއްޔާއިން، ބެލެނިވެރިންނާއި ގިނަ ބައެއްގެ އެހީތެރިކަމާއި އެކު މިދިޔަ ހޮނިހިރުދުވަހު ވަނީ ބިމުގައި ކަނޑާފައި ހުރި ރުއްތަކުގެ ބުޑުތަކާއި އެހެނިހެން ކުނިތައް ނަގައި ބިންސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.

އިހަވަންދޫ މަދަރުސާއަށް އިތުރު ހަރަކާތްތައް ހިންގުމަށް ބިންލިބިފައިވަނީ އިހަވަންދޫ ޣާޒީ ފުޓުބޯޅަ ދަނޑުގެ ހުޅަނގުންނެވެ. އެއީ ގިނަ އަދަދެއްގެ ރުއް ހުރި ބިމެއްކަން ފާހަގަ ކުރެވެއެވެ. އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް އަލްފާޟިލް އަޙުމަދު ރަޝީދު މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މަދަރުސާއަށް ލިބިފައިވާ ބިމުގައި ހުރި 73 ރުއް މިހާރު ކަނޑާލެވިފައިވާ ކަމަށާއި ބިންސާފުކުރުމަށްޓަކައި ހޮނިހިރު ދުވަހު ކުރި މަސައްކަތުން، ބިމުގެ 50 އިންސައްތަ މިހާރު ވަނީ ސާފުކުރެވިފައި ކަމަށެވެ. އަދި ބިންސާފުކުރުމުގެ އިތުރު މަސައްކަތެއް ކައިރި މުސްތަޤުބަލެއްގައި ކުރުމަށް ވިސްނަމުންދާ ކަމުގައިވެސް ޕުރިންސިޕަލް ވިދާޅުވިއެވެ.

އަދި ބިންސާފުކުރުމުގެ މަސައްކަތުގެ ފުރަތަމަ ބައިގެ ތެރެއިން ރުއްތައް ކެނޑުމުގައި ޖޭއޭ މަނަފަރު ރިސޯޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި، އެމަސައްކަތުގައިވެސް މަދަރުސާގެ ޕީޓީއޭއިން އެހީތެރިވެދެއްވާފައިވާ ކަމަށް ޕުރިންސިޕަލް ވިދާޅުވިއެވެ. ޕުރިންސިޕަލް އިތުރަށް ވިދާޅުވީ ހޮނިހިރުދުވަހު ބިންސާފުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ރަށުގެ މުވައްސަސާތަކާއި، ބެލެނިވެރިންނާއި، ސުކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެމަސައްކަތުގައި ޔުނި ކޮމްޕެނީގެ ފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އަހުމަދު ރަޝީދު ފާހަގަ ކުރެއްވިއެވެ.

ޕުރިންސިޕަލް ވިދާޅުވީ މިސަރަހައްދުގެ ރަށްތަކުގެ ތެރެއިން މަދަރުސާގެ ގޯތިތެރޭގެ ޖާގަ ކުޑަ މަދަރުސާއަކަށް އިހަވަންދޫ މަދަރުސާ ވާނެ ކަމަށާއި، މަދަރުސާގެ ޖާގައިގެ ދަތިކަމުގެ ސަަބަބުން ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމަށް ދަތިތަކާ ދިމާވާ ކަމަށެވެ. މަދަރުސާއިން ރާވައިގެން ހިންގާ ބައެއް މުބާރާތްތަކަށް ދަރިވަރުން ނަށް ޕުރެކްޓިސް ދިނުމަށް ދަތިވުމާއި އެކު ދަރިވަރުންނަށް ލިބޭ މާޔޫސްކަން ފާހަގަ ކުރައްވަމުން ޕުރިންސިޕަލް އިތުރަށް ވިދަޅުވީ މިހާރު ލިބިފައިވާ ބިން ބޭނުންކުރެވޭ ވަރަށް ތައްޔާރު ކުރެވުމުން މިފަދަ ކަންތައްތަކަށް ވަރަށްބޮޑު ލުއިކަމެއްލިބި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެން ދާނެކަމަށެވެ. އަދި މަދަރުސާއިން އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި ބިމުގެ ބޭނުން ކުރަން ފެށޭ ވަރަށް މަސައްކަތްކޮށް ނިންމާލުމަށްކަމަށްވެސް ޕުރިންސިޕަލް ފާހަގަ ކުރެއްވިއެވެ. ބިން ސާފުކުރުމުގެ މަސައްކަތަށް ވިލާފައުންޑޭޝަން އިން ވަރަށް ދީލަތި އެހީތެރިކަމެއް މަދަރުސާގެ ޕީޓީއޭ އަށް ވެދެއްވާފައިވާކަމަށް ޕުރިންސިޕަލް ވިދާޅުވިއެވެ. ވިލާފައުންޑޭޝަން އިން ވަނީ މަދަރުސާގެ ބިންސާފުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މަދަރުސާގެ ޕީޓީއޭ އަށް އެއްލައްކަ ރުފިޔާ ހަދިޔާ ކޮށްފައެވެ.

ޕުރިންސިޕަލް އަޙުމަދު ރަޝީދު ވަނީ މިމަސައްކަތުގައި ރަށުގެ ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކުން ލިބެމުންދާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް މިފަދަ އެއްބާރުލުމާއި އެހީތެރިކަމެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ޕުރިންސިޕަލް ވިދާޅުވިއެވެ.

އިހަވަންދޫ މަދަރުސާއަކީ 600 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު ގުރޭޑް 1 ން 12 އަށް ތަޢުލީމު ފޯރުކޮށްދެމުން އަންނަ ތަނެކެވެ. މަދަރުސާގައި ޖާގަ ހުރި ގޮތުން މިހާރު އެކަށީގެންވާ ގޮތެއްގައި ފިޒިކަލް އެޑިއުކޭޝަން (ކަސްރަތު) ގަޑި ދަރިވަރުންނަށް ނަގައިދެވެން ނެތްކަން ފާހަގަ ކުރެވެއެވެ. 

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ, ޕީޓީއޭ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ ޤާސިމް․

– 14 އޭޕުރީލު 2015 0