ޤާނޫނުލްއުޤޫބާތަށް ހުށައެޅި އިސްލާހަށް ރައްޔިތުންނާއި މެމްބަރުންގެ ތާޢީދު ބޭނުން: އަނާރާ

23 މާރިޗު 2015 0

މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް. ފޮޓޯ: މަޖިލިސް

ޤާނޫނު ނަންބަރު 2014/9 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވާއިރު، އެބިލަށް ހުށައެޅި އިސްލާހަށް ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ ތާޢީދު ބޭނުންވާކަމަށް އިސްލާހު ހުށައެޅުއްވި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އަނާރާ މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައެވެ.

އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އަމަލުކުރަން ފަށާ ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާއަށް އާނާރާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި ގިސާސްއާއި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަން ވާނެކަމަށެވެ.

އެމާއްދާގައި މިހާރު ބުނެފައިވަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާގޮތުގެ މަތިން މިގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަން ވާނެކަމަށެވެ.

އިސްލާހު ހުށައެޅި އެބިލްގައި އަނާރާ ވިދާޅުވެފައިވަނީ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ އުސޫލާ އެއްގޮތަށް ގާނޫނުލް އުގޫބާތު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ