ށ.ފޯކައިދޫއަށް ދަތުރު ކުރި ބޯޓެއްގައި އޮތް މާބަޑު އަންހެނަކު މެރިން ޕޮލިސްގެ އެހީތެރިކަމާއެކު މާލެ ގެނެސްފި

16 ފެބުރުއަރީ 2015 0

މެރިން ޕޮލިސް ކަނޑުމަތީގެ ހާދިސާއެއްގައި ހަރަކާތްތެރިވަނީ. ފޮޓޯ: ޕޮލިސް މީޑިއާ

މާލެއިން ފުރައިގެން ށ.އަތޮޅު ފޯކައިދޫއަށް ދަތުރުކުރި ބޯޓެއްގައި އޮތް މާބަނޑު އަންހެނެއްގެ ހާލު ދެރަވުމާއި ގުޅިގެންމެރިން ޕޮލިސްގެ  ފުލުހުންގެ އެހީތެރިކަމާއެކު މާލެގެނެސް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި ށ.ފޯކައިދޫ އަށް ދަތުރު ކުރަމުން ދިޔަ ބޯޓުގައި އޮތް މާބަނޑު އަންހެންމީހެއްގެ ހާލު ދެރަވެގެން އުޅޭކަމުގެ މައުލޫމާލު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:10 ހާއިރުއެވެ. އަދި އެމައުލޫމާތު ފުލުހުންނަށް ލިބުމާއެކު މެރިން ޕޮލިސްގެ ލޯންޗެއް ވަނީ ބޯޓު އޮތް ސަރަޙައްދަށް ފޮނުވާފައި ކަމަށް ފުލުހުން ބުނެއެވެ.

 ރީތިރަށް ރިސޯޓު ބޭރުން ދަތުރު ކުރަމުންދިޔަ ބޯޓު ކައިރިޔަށް މިރޭ 7:15 ހާއިރު މެރިން ޕޮލިސްގެ ލޯނޗް ގޮސް އެބޯޓުގައި އޮތް މާބަނޑު އަންހެން މީހާ މާލެ ގެނެސްފައި ވަނީ މިރޭ 08:05 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ހާލު ދެރަވުމުގެ ސަބަބުން މާލެގެނައި މާބަނޑު އަންހެން މީހާ ފުލުހުންގެ އެހީތެރިކަމާއެކު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންގޮސް މިހާރުވަނީ ފަރުވާދޭން ފަށާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ