ޑީސަލާއި ޕެޓްރޯލްގެ އަގު 10ރ އަށް ހަދައިފި

18 ޖެނުއަރީ 2015 0

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާ ވެސް ހެޔޮކޮށް މާދަމާއިން ފެށިގެން ޕެޓްރޯލާއި ޑީސަލް 10ރ ޔާއަށް ލިބޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެކަމާ ގުޅިގެން މިއަދު މެންދުރު ފަހު، އެސްޓީއޯގެ ހެޑްއޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އަގަށް ގެނައި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ގެންނެވި ބަދަލެއް ކަމަށެވެ.

އަލަށް ގެނައި ބަދަލާ އެކު އެސްޓީއޯ އިން މީގެ ކުރިން 12.37 އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވަނީ، 2.37 ރުފިޔާ އަގު ހެޔޮކޮށްފައެވެ. އަދި ޑިސަލް ލީޓަރަކުން ވަނީ 2.33 ރުފިޔާ އަގު ހެޔޮކޮށްފައެވެ. މި ބަދަލާއެކު ޕެޓްރޯލާއި ޑީސަލް ލީޓަރެއް މާދަމާ އިން ފެށިގެން 10ރ. އަށް ލިބޭނެކަމަށް އެކުންފުނިންބުނެއެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އެންމެ ފަހުން ހެޔޮކޮށްފައި ވަނީ މިދިޔަ މަހު އެވެ. އެ ފަހަރު ފެޓްރޯލް ލީޓަރަކުން އެއް ރުފިޔާ އަދި ޑީސަލް ލީޓަރަކުން 75 ލާރި ހެޔޮކޮށްފައިވެ އެވެ.

އެސްޓިއޯއިން ތެލުގެ އަގު ހެއޮކުރިމި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ވިއްދައިގެން ކަމަށްބުނެ ދޭތެރެ ދޭތެރެއިން އެސްޓިއޯން އެކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެއެވެ. ތެލަކީ، އެސްޓިއޯއިން ވިއްކާ ބާވަތްތަކުގެ ތެރެއިން އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއްވާ ބާވަތެވެ.

ތެލުގެ އަގު ހެއޮވަމުންއައި ނަމަވެސް ފިއުލްސަރޖާޗް ކަމަށްބުނެ ބައެއް ކުންފުނިތަކުން، ކަސްޓަމަރުންގެ އަތުން ނަގަމުންދާ އަދަދަށް ބަދަލެއް އަންނަތަނެއް ނުފެނެއެވެ.

އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ