ރައީސް ޔާމިންގެ އެންމެހާ ޙަރަދުތައް އޮޅުންފިލުވުމަކީ ރައްޔިތުންގެ ހައްޤެއް. ރައީސް ނަޝީދު

12 ޖެނުއަރީ 2015 0

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސް ޔާމިންގެ އެންމެހާ ޙަރަދުތައް އޮޅުންފިލުވުމަކީ ރައްޔިތުންގެ ހައްޤެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޔާމިންގެ ސިއްހީ ހާލުކޮޅާއިމެދު ތަފާތު ވާހަކަތައް ދެކެވެމުންދާ މިދަނޑިވަޅުގައި ރައީސް ޔާމިން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ގިނައިން ކުރައްވަމުންގެންދަވާއިރު އިއްޔެ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ ރައީސް ޔާމިން، ރައީސްކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންފަހުން ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތާއި އެދަތުރުފުޅުތަކައް ދިޔަ ޙަރަދު އޮޅުންފިލުއްވައި ދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސިއްހީ ހާލުކޮޅާ މެދު ވާހަކަތަކެއް ފެތުރެމުންދާ ކަމަށާއި އަދި ޤާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 124 ވަނަ މާއްދާގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރަން ނުކުޅެދިއްޖެ ހާލަތެއް ދިމާވެފައިވާތީ އެޕާޓީއިން ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތް ފަހުން ރަސްމީ އަދި އަމިއްލަ ދަތުރުފުޅުތަކުގެ ގޮތުގައި ސިންގަޕޫރަށް ވަޑައިގެންނެވި ޢަދަދާއި، އެފަދަ ދަތުރުތަކުގައި ހޭދަވި ދުވަސްތަކުގެ ޢަދަދާއި، ރައީސް އަރިހުގައި ވަޑައިގެންނެވި ބޭފުޅުންގެ އަދަދާއި އެ ދަތުރުތަކުގެ ޚަރަދުގެ އިތުރުން ރައީސް ޔާމީންގެ ހާލުކޮޅުގެ ތަފްސީލުތައް ސިޓީގެ ޖަވާބުގައި އެމްޑީޕީއަށް އެރުވުމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ