[HEADER BANNER]
[AD]

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދިވެހިރާއްޖޭގެ ތަރައްޤީ ޔާގީންކުރެވިދާނެހެއްޔެވެ؟

31 އޮގަސްޓު 2014 0

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކަކީ ، ޤައުމުގެ އެތޭރޭގެޞަރަޚައްދު ތަކުގައި ބޭރުގެ އިންވެސްޓުމަންޓް ތަކަށާއި ވިޔަފާރިތައް ގެނައުމަށާއި އެފަރާތްތައް ޝައުޤުވެރިކުރުމަށް، އިޤްތިޞާދީ ސިޔާސަތުތަކާއި އެކު ބަދަހި ކުރެވޭ މިނިވަން ވިޔަފާރީގެ ސިޔާސަތުތައް އެކުލެވޭ ގޮތަށް ޙާއްޞަކުރެވޭ ސަރަޚައްދުތަކެކެވެ.

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދުތައް ހަރުދަނާކުރަންފެށިފަހުން މިއަދާ ހަމައަށް ރަންޔޫބިލް – ބަރާބަރު 50 އަހަރު – ވެފައިވާ އިރު، ދިވެހިރާއްޖޭ އިޤްތިޞާދުގެ ތަނބުތައް ބިނާ ކުރުމަށް އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ބޭނުން މިއަދުގެ ސަރުކާރުން ކުރާނެކަން މިއަދު މިވަނީ ޔަޤީންވެފައެވެ. އަދި ފުރާފުރިހަމަވެފައިވާ ޤާނޫނެއްގެ ތެރެއިން މިކަން ހާޞިލްކުރެވޭނެ އިންތިޒާމު މިވަނީ މި ދައުރުގެ ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިދީފައެވެ.

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ސިޔާސަތު ދުނިޔޭގެ އިޤްތިޞާދުގައި އެންމެ ގަދަޔަށް ވަކިހިއްޕާލީ 1990 ގެ އަހަރުތަކުގައެވެ. ބައިނަލްއަޤަވާމީމަސައްކަތްތެރިންނާއި ބެހޭ ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 1986 ގައި، ޖުމުލަ 176 އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް، 47 ގައުމެއްގައި ޤާއިމު ކުރެވިފައިވެއެވެ. އަދި މިއަދަދު 2008 ވަނަ އަހަރުވަނީ 3500 އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކަށް އިތުރުވެ، 135  ގައުމެއްގެ އިޤްތިޞާދު ފުޅާކުރުމަށް ބޭނުންކޮށްފައެވެ. 2008 ގެ ވޯލްޑު ބޭންކުގެ ރިޕޯޓުތައް ދައްކާ ގޮތުން މި ޒޯނުތަކުން ސީދާގޮތެއްގައި 68 މިލިއަން ވަޒީފާގެ ފުރުޞަތުތައް އުފައްދައި، 500 ބިލިއަން ޑޮލަރުގެ ވިޔަފާރި އުފައްދާފައިވެއެވެ.

 

ވުމާއެކު، މި ރާއްޖޭގެ އިޤްތިޞާދު މުޅިދުނިޔެއަށް ހުޅުވާލައި، މި ރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ބޭނުން ހިފިދާނެއެވެ.

2010 ވަނަ އަހަރު، ޗައިނާގައި ޤާއިމު ކުރެވިފައިވާ އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ލިބޭ ފައިދާތައް ވަޒަންކުރުމަށް ކުރެވުނު ދިރާސާއިންވަނީ އަންނަނިވި ކަންތައް ފާހަގަކުރެވިފައެވެ.

  • ބޭރުގެ އިންވެސްޓުމަންޓުސްތަކުން ބޮލަކަށްޖެހޭ އާމުދަނީ 58 އިންސައްތަ އިތުރުވުން– މައިގަޑު ގޮތެއްގައި މުދައު އެކްސްޕޯޓު ކުރުމުގެ ވިޔަފާރީގެ ނިޞްބަތް އިތުރުވުން.
  • އަމިއްލަ އިންވެސްޓުމަންޓުތައް ދަށަށް ނުދިއުން.
  • ފެކްޓަރީ އުފެއްދުންތެރިކަން 0.6 އިންސައްތައިގެ ކުރިއެރުމެއް ހޯދުން.
  • އައު ޓެކުނޮލޮޖީގެ އީޖާދުތައް އެ ގައުމަށް ލިބުން.

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް މައިގަނޑުގޮތުގެއްގައި ހިގަމުންއަންނަނީ ތިން އަސާސެއްގެ މައްޗަށް ބިނާކޮށެވެ. ފުރަތަމަ ކަމަކަށް، ޑިއުޓީއާއި އަދި އެކްސްޗޭންޖު ކޮންޓޮރޯލްސް ތައް ނެތި އިންވެސްޓުކުރާފަރާތްތަކަށް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމުގެ ފުރުޞަތުތައް ލިބެއެވެ. ދެވަނަ ކަމަކަށް، އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް ހިންގުމަށް ސަރުކާރުން ދިގުމުއްދަތައް ލައިސަންސް ދޫކުރަންޖެހެއެވެ. އަދި އިންލޭންޑު ރެވެނިއުގެ ގޮތުގައި ނެގޭ ތަފާތު ޓެކްސްތަކުން މިޞަރަޙައްދުތަކުން ކުރާ ވިޔަފާރި މިންޖުކުރެވެއެވެ. އަދި މިޒޯނުތައް މީހުންދިރިއުޅޭ ޞަރަހައްދުތަކާއި ވަކިކުރުމަށް ފެންސުތައް ޖަހައި ވަރުގަދަ ކަސްޓަމްސް ކޮންޓޮރޯލްސް ތަކާއި އެކު ވަކިކުރެވެއެވެ. އަދި މިތަނުގެ އުފެއްދުންތައް ހާއްޞަކުރަންޖެހެނީ އެކްސްޕޯޓް މާކެޓުތަކަށެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކަށް މި އިޤްތިޞާދީ މޮޑެލްވަނީ ކާމިޔާބު މޮޑެލްއަކަށް ވެފައެވެ. އިޤްތިޞާދީ ޒޯނުތަކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއްޤައުމަކީ ޑޮމެނިކަން ރިޕަބުލިކް އެވެ. 100000 (އެއްލައްކަ) ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެއްދުންތެރިކަމުގެ ސިނާއަތުގައި އުފައްދައި، އެ ގައުމުގެ އިޤްތިޞާދު ދަނޑުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނުވިއެވެ. ހަމަ މިފަދަ ކުރިއެރުންތައް ހޯދި އިތުރު ޤައުމުތަކުގެ ތެރޭގައި މޮރޮޝިއަސް، ކޮރިއާ، ތައިވާން، ހޮންޑުރަސް އަދި މަޑަގަސްކަރަ ހިމެނެއެވެ. ބަންގާޅު ވަނީވެސް މި ޒޯނުތައް ކާނިޔާބު ޒޯނުތަކަކަށް ހަދައި އިޤްތިޞާދު ދުވެލި ހަލުއި ކޮށްފައެވެ.

ނަމަވެސް، އެފްރިކާގައި ޤާއިމުކުރެވުނު މިފަދަ އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތައް ފެއިލްވެ، ވެފައިވަނީ އެ ޤައުމުގެ ތާރީހުގެ މާޟީގެ ޞަފުހާ އަކަށެވެ. އަދި އެ ޤައުމަށްވަނި އެތަކެއް ފިޅާވަލުތަކެއް ވިސްނާލުމަށް ދޫކޮށްފައެވެ. މިގޮތުންބަލާއިރު އަންނަނިވި ކަންތައް ފާހަގަ ކޮށްލެވެއެވެ.

  • ސިޔާސީ އެއްބާރުލުމާއި ސިޔާސީ މަޤްޞަދުތައް ޒޯނު ތަރައްޤީކުރުމުގައި ވަކި ކުރަންޖެހޭކަން.
  • އަމިއްލަ އިޤްތިޞާދުގެ ފުދުއްތެރިކަމާއި ބާރުވެރިކަން މިޒޯނުތަކަށް ވުރެން ކުޑަވެގެން ނުވާނެކަން.
  • އަދި ފުރިހަމަ ޤާނޫނީ އިހްތިޞާސްއެއްގެ ތެރޭގައި އަބަދުވެސް ޒޯނުގެ ހަރަކާތްތައް ބައްޓަންކުރުމުގެ މުހިއްމުކަން.

 

އެހެންކަމުން، އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދިވެހިރާއްޖޭގެ ތަރައްޤީ ޔާގީންކުރެވިދާނެހެއްޔެވެ؟

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ރާއްޖެތަރައްޤީ ކުރުމަށް ވިސްނާއިރު، މިކަމަށް ހުރި ގޮށްޖެހުންތައްވެސް އެހާމެ ގިނަގުނައެވެ.

އިންވެސްޓަރުން، ދިވެހިރާއްޖޭގެ އިންސާނީ ވަޞީލަތުގެ ނާޖާއިޖު ފައިދާ ދަށް މުސާރަތަކާއެކު ނަގާނެކަމުގެ ބިރު އެބަ އޮތެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ލިބިދާނެފަދަ އެތަކެއް ޢަމަލުތަކެއް އެފަރާތުން ވިޔަފާރީގެ ވިސްނުން ކުރިއަށް ނެރެ ކޮށްފާނެކަމުގެ ބިރު އެބަ އޮތެވެ. އަދި އިސްލާމުދީނާ ފުށުއަރާ އެތައް ކަމެއް ކުރުމުގެ ފުރުޞަތު މިނިވަންކަމާއެކު މަގުފަހިވެގެން ދެއެވެ. އަމިއްލަ އުފެއްދުންތެރިންނަށާއި މާކެޓަށް ގޮށްޖެހުން ކުރިމަތިކުރުވާނީ، ބިޔަ އިންވެސްޓަރުންނާއި އަމިއްލަ ވިޔަފާރިތަކަށް ވާދަކުރުމަށް ދަތި އުދަގޫވާނެތީއެވެ. ޓެކްސްތަކާއި ކަސްޓަމްސް ޑިއުޓީއަށް އެބައިމީހުން މަރަކުހަދާނެއެވެ. ނަމަވެސް، މި ދެންނެވުނު ހުރިހާ ކަމަކީވެސް، ޤާވާއިދުތަކާއި ޤާނޫނުތަކުން ހަމަ މަގަށް އެޅުވޭނެ ކަންތައްތަކެއް ކަމުގައި ދެކެމެވެ.

އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުން ދިވެހިރާއްޖޭގެ ތަރައްޤީ ޔާގީންކުރެވިދާނެކަމަށްބުނާ ފަރާތްތަކުން ފާހަގަކުރާ ޕޮއިންޓުތައް ވަރަށްވެސް ގިނައެވެ. ދިގުމުއްދަތުގައި އިޤްތިޞާދުގެ ތަނބުތައް ހަރުދަނާވެ، އިޤްތިޞާދީ ފުދުންތެރިކަމާއި އުފެއްދުންތެރިކަން ކުރިއަރައިގެންދާނެއެވެ. މަގުތަކާއި، ބަނދަރުތަކާއި، ދަތުރުފަތުރުގެ ވަޞީލަތްތައް ތަރައްޤީވުމަށް ފުރުޞަތު ބޮޑުވެއެވެ. އެހެނީ، ބިޔަ އިންވަސްޓުމަންޓުތަކަށް ޤައުމުގެ އެތެރޭގެ އިންފްރާސްޓުރަކްޗާ ގެ މުހިއްމުކަން ބޮޑުވުމެވެ. ތަނަވަސްވާ ވަޒީފާގެ ފުރުޞަތުތަކުން އާންމު ރައްޔިތުންނަށް ސީދާ މާލީ މަންފާ ލިބިދޭނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފައްކާވެފައިވާ ޓެކްނޮލޮޖީތައް ގެނައުމަށް މަގުފަހިކުރުވައެވެ. މީގެއިތުރުންވެސް، ހުނަރުވެރި އިންސާނީ ވަޞީލަތްތަކުން ދިވެހީންނަށް އެތައް ވަޒީފާގެ ހުނަރަކާއި ގޮތްތައް ދަސްވެގެންދާނެކަން ކަށަވަރެވެ.  އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ހަޤީޤީ މަންފާވެރިންނަށް ވާނީ ކުރިމަގުގެ ޖީލުތަކެވެ. ސަބަބަކީ، އިންވެސްޓުމަންޓްސްތައް ގެނެސް، ފުޅާކޮށް އިތުރުކުރުމަށް ވަގުތުތައް ނަގާނެތީއެވެ.

 އެހެންކަމުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ އިތުރު ރިފޯމަކާއި ދިމާއަށް މިޞްރާބުޖަހަން ޖެހިފައިމިވާ ދަނޑިވަޅުގައި އިޤްތިޞާދީ ޚާއްޞަ ސަރަޚައްދުތަކުގެ ބޭނުން ހިފުން މުހިއްމެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބިނާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެވޭނެ ހަމައެކަނި ގޮތަކީ "އިޤްތިޞާދީ ޚާއްޞަ ސަރަޚައްދު" ތަކުގެ ބޭނުން ހިފުންކަމުގައި ދެކެމެވެ. އިޤްތިޞާދަށް ބާރުގެނައުމުގައި ބައެއްކަންތައްތަކަކީ ބައެއް ފަހަރު އަޖުމަ ބަލައިލާންޖެހޭ ކަންތައްތަކެވެ.

ނޯޓް: މީ ދުވަސް.އެމްވީ އަށް މުހައްމަދު ފިރާޒް ލިއުއްވާފައިވާ ލިޔުމެކެވެ.

[BOTTOM CONTENT BANNER]
ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ