[HEADER BANNER]
[AD]

ދިވެހިންނަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދު– ދިވެހިރާއްޖޭގެ އިޤްތިޞާދާއި ގުޅިފައި

24 އޮގަސްޓު 2014 2

ކޮންމެ ވަޒަންވެރިއެއްގެވެސް ދިރިއުޅުމުގެ ފެންވަރާއި ހާލަތު ބިނާވެފައިވަނީ ލިބޭ އާންމުދަނީއާއި ކުރާ ޚަރަދުގެ މިންވަރަށެވެ. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ކޮންމެވެސް ރަށެއްގެ ގެއެއްގައި ނުވަތަ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހެކެވެ. އެހެންނަމަވެސް،ކޮންމެ މީހަކީ އޭނާގެ އަމިއްލަ ގޭގައި ދިރިއުޅޭ މީހެއްނޫނެވެ. އެހެންކަމުން، ތަފާތު ސަބަބު ތަކަށްޓަކައި މީހުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރެއެވެ.

2013 ވަނަ އަހަރު ކުރެވުނު ހައުސް ހޯލްޑު ސާރވޭއިން ދައްކާގޮތުގައި، ޖުމުލަ ގޭބިސީގެ ނިޞްބަތުން 17.1 އިން ސައްތަ އަކީ ކުއްޔައް ދިރިއުޅޭ މީހުންނަށް ނިޞްބަތްވާ ގޭބިސީއެވެ. މިއީ ރައްޖޭގެ ޢާބާދީގެ ނިޞްބަތުން ބޮޑު ޢަދަދެކެވެ.  2013 ވަނަ އަހަރު 8410 ޖުމުލަ ގޭބިސީ ހުރިއިރު، ހަޤީޤަތަކީ،  ރާއްޖޭގައި ގިނަ ޢާއިލާތައް ދިރިއުޅެނީ އަމިއްލަ ގޭގައި ކަމެވެ. ތަޢުލީމާއި ޞިއްޙީ އަދި މި ނޫނަސް ޒަރޫރީ ބޭނުންތަކަށްޓަކައި އެންމެ ގިނަ މީހުން ހިޖުރަ ކުރަންޖެހިފައިވަނީ މާލެއަށް ކަމަށްވުމުން އެންމެ ގިނަ މީހުން ކުއްޔަށް ދިރިއުޅެން ޖެހިފައިމިވަނީ ވެރިކަން ކުރާ ރަށް، މާލޭގައެވެ. ދިރިއުޅުމުގެ ހާލަތާއި ޢާއިލާގެ ކުޑަބޮޑުމިނުގެ ސަބަބުން މާލޭގެ ގޭގައި ރަޖިސްޓަރީ ވެފައިވާ މީހުންވެސް އެހެން ގޭގައި ކުއްޔަށް ދިރިއުޅެއެވެ. ކުއްޔަށް ދިރިއުޅޭ ގޭބިސީތަކުން އެންމެ މަދުން 750 ރުފިޔާ މަހަކަށް ބޮލަކަށް ޙަރަދުކުރާއިރު، ކުލީގެ ގޮތުގައި އެންމެ ބޮޑު ބައެއް ހޭދަކުރަނީ މަހެއްގެ މައްޗަށް ބޮލަކަށް 4200 – 5999 ރުފިޔާ ޚަރަދުކުރާ ގޭބިސީތަކުން ނެވެ. އެވުރެޖުގޮތެއްގައި 7858 ރުފިޔާ މަހަކު ކުލީގެ ގޮތުގައި، ކުއްޔަށްދިރިއުޅޭ ގޭބިސީތަކުން ޚަރަދުކުރަންޖެހުމަކީ ، އެބައިމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތައް ހުރި ބޮޑު ގޮށްޖެހުމެކެވެ. އަދި މިކަމުގެ ސަބަބަން، ފަޤީރުންނާއި މުއްސަނދިންނާއި ހުރި ދުރުމިން އިތުރުކުރުވައެވެ.

ދިރާސާއިން ދައްކާގޮތުގައި އެވުރެޖުކޮށް ގޭބިސީއަކަށް މަހަކު ލިބޭ އާންމުދަނީ އަކީ 16736 ރުފިޔާއެވެ. މި އާންމުދަނީއިން މަހަކު 13283 ރުފިޔާ ޚަރަދު ކުރާކަމަށް ހިސާބުތައް ދައްކައެވެ.  ބޮލެއްގެ މައްޗަށް މަހަކު 2746 ރުފިޔާއެވެ. އަދި ލަފާކުރެވޭގޮތުގައި އާބާދީގެ 60 އިންސައްތައަކީ 2746 ރުފިޔާ އާންމުދަނީ ލިބޭ މީހުންނެވެ. އާބާދީ ގެ 17.1 އިންސައްތަ ގޭބިސީތަކުގެ އާންމުދަނީގެ ބޮޑު ބައެއް ކުލީގެ ގޮތުގައި ޙަރަދުކުރަންޖެހިފައި މިއަދު ވެފައިވަނީ އިޖުތިމާޢީ ދިރިއުޅުމަށް ނުހަނު ސިހުން ގެނުވާނެ ކަމެކެވެ. މިކަމަށް ބާރުދެނީ ، ހަމަ އެކަނި ވަޒީފާ އަދާކުރާ މީހުންގެ ނިޞްބަތް ދަށްވުމުންނެވެ. 2013 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވަޒީފާ އަދާކުރަނީ 46 އިންސައްތަ މީހުންނެވެ. އަދި 47 އިންސައްތަ މީހުން އިޤްތިޞާދީ ގޮތުން ހަރަކާތްތެރި ނުވެއެވެ. ނުވަތަ ވަޒީފާއެއް ހޯދުމަށް އެކަށޭނަ މަސައްކަތްތަކެއް ނުކުރެއެވެ. އަދި ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައްވެސް އެހާމެ ހަންޏެވެ.

އިޖްތިމާޢީ ރައްކާތެރިކަމާއި، ތަޢުލީމާއި، ޞިއްޙީ ހިދުމަތް ފައްކާވަމުން މި އަންނަ މުޖުތަމަޢުގައި،  ދިވެހިންނަށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދު ދެކޮޅު ޖެހޭނެ ގޮތެއް ސަރުކާރުގެ ސިޔާސަތާއި އަމިއްލަ މަސައްކަތުން ހޯދުމަކީ މުހިއްމު ކަމެކެވެ. އަމިއްލަ މަސައްކަތްތެރިކަމަށް ލޯބިކޮށް، މިރާއްޖޭގެ ޕްރައިވަޓު ސެކްޓަރު ހަރުދަނާ ކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމަކީ މިދެންނެވުނު މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނުވާނެ ކަމެއްކަން ކަށަވަރެވެ. އަދި ހަމަ މިއާއި އެކު، އިޤްތިޞާދު ކުރުމުގެ ސިފަ އަޅުގަނޑުމެންގެ ޅަދަރީންގެ ކިބައިގައި އަށަގެންނުވަންޖެހެއެވެ. އާއިލާ ތަކުން ކުރާ ޚަރަދަކީ ލިބޭ މިންވަރުގެ މައްޗައް ބަރޯސާވެ ކުރެވޭ ޙަރަދުތަކަށް ވާންޖެހެއެވެ. މި ހުރިހާ ކަމެއްވެސް ކުރެވެން އަންނާނީ ޒުވާނުން ތަރުބިއްޔަތުކޮށް ހަރުދަނާ ޖީލުތަކެއް ބިނާކޮށްގެން ކަށަވަރެވެ. ހަމައެކަނި ޒުވާނުން ތަރުބިއްޔަތު ކުރުމަކުން ނުފުދެއެވެ. މުޖުތަމަޢުގެ ހަރުމީހުން މިކަންތައް ޢަމަލީ ކޮށް ދައްކުވައި ދޭންޖެހެއެވެ.  ވުމާއެކު، ރަށްރަށުގެ ކައުންސިލް އިދާރާތަކާއި، ސްކޫލުތަކާއި އަދި އެހެނިހެން މުވައްސަސާތަކުގެ ޒިންމާ މިކަމުގައި ބޮޑުކަމަށް ދަންނަވަން ޖެހެއެވެ. ޒުވާނުން "ފަރުދީ ޒިންމާތަކާ" ދުރަށް ދާ މި ދަނޑިވަޅުގައި މިއީ ނުހަނު ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އެހެނީ، ރަށަށް އަންނަ ހެޔޮ އިޤްތިޞާދީ ބަދަލު ގެނެވެނީ ރަށްވެހިންގެ ހަރުދަނާ އިޤްތިޞާދީ ސިފަތަކުން ކަމަށްވެފައި، ރާއްޖޭގެ ވަކި ރަށްރަށުން އަ    ތޮޅާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލު ގެނެވޭނެއެވެ. ކުރަންއުދަނގޫ ކަމަކަށް ވީނަމަވެސް، އެހެންމީހުންގެ ވަޒީފާތަކަށް ބަރޯސާ ނުވެ، އަމިއްލަ އުފެއްދުންތެރިކަމާއި މަސައްކަތްތަކަށް އިސްކަން ދޭންވީއެވެ. ކުދި ކެފޭ ތަކާއި، ދަނޑު ގޮވާން ކުރުމާއި، ފޮޓޯ ކޮޕީ ނަގައި ދިނުމާއި، ފޮޓޯ ނެގުމާއި،  ޑިޒައިންކުރުމާއި، ގަރާޖުތަކާއި، އަމިއްލަ ކުދި ކުލިނިކު ތަކާއި، ފިޓްނެސް ސެންޓަރުތަކާއި، ސެލޫނުތަކާއި، ހެދިކާ ވިއްކުމާއި، ލިޔެލާޖެހުމާއި، ކޮންސަލްޓެންސީ ގެ މަސައްކަތްތަކާއި، މަރާމާތުކުރުމުގެ މަސައްކަތްތަކާއި، ވެލްޑިންއާއި ގުޅުން ހުރި މަސައްކަތްތައް ޝަޢުޤުއުފައްދައި ، އެކަންކަމުގައި މަސްއޫލުވާންވީއެވެ.

ދިވެހިރާއްޖޭގޭ އާބާދީ ރަށްރަށުގެ އާބާދީއާއި އެކު ބޮޑުވަމުން އަންނަކަމަށްވަނީ ނަމަ، އަމިއްލަ މަސައްކަތަކުން ވަޒީފާގެ ފުރުޞަތުތައް އުފެއްދުމަށް އަޅުގަނޑުމެންގެ ޖީލުތަކަށް ދަސްކޮށްނުދީފި ނަމަ އަބަދުވެސް އަޅުގަނޑުމެންޖެހޭނީ، ދަޢުލަތަށް ލިބޭ އާންމުދަނީއިން، ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ ފަދަ މުހިއްމު ދާއިރާތަކަށް ކުރިއަރުވަން ކުރެވޭ ޙަރަދުތައް މަޑުޖައްސާލުމަށްފަހު، އެ ފައިސާ މުސާރަ ގޮތުގައި ޚަރަދު ކުރުމަށެވެ. މިހާރުވެސް މި މަންޒަރު މި ދިވެހިރާއްޖެއިން ފެންނަ ކަހަލައެވެ. 

[BOTTOM CONTENT BANNER]
ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިކަން ރަނގަލުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ދެކެން.

– 24 އޮގަސްޓު 2014 0

މަޢުލޫމާތުން ފުރިގެންވާ ލިޔުމެއް....

– 26 އޮގަސްޓު 2014 0