ޕާޓީއެއް ބިނާކުރޭ، ފަނޑިޔާރުންނާމެދު ހުށިޔާރުވޭ، އަދި ދުވަހަކުވެސް ދޫނުކޮށްލާތި: ސިޔާސީ ހަރަކާތްތަކުން ފުރިގެންވާ ހަޔާތެއްގެ ފިލާވަޅުތަކެއް

29 ޖޫން 2014 0

ނޯޓް: މިއީ ފޮރިން ޕޮލިސީ މަޖައްލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 27 ޖޫން 2014 ގައި ލިޔުއްވާފައިވާ ކޮލަމްގެ ތަރުޖަމާއެވެ.

ޖޫން މަހުގެ ކުރީކޮޅު ރައީސް އަބްދުލް ފައްތާހް އަލްސީސީ ހުވާކުރެއްވުމާއެކު، މިސްރު ވަނީ މާޒީއަށް އިއާދަވެފައެވެ. މިއީ ދަންނަ އަދި މާޔޫސް ވާހަކަތަކުގެ ތެރެއިން މިފަދަ އެންމެ ފަހު ހާދިސާއެވެ.

ހުސްނީ މުބާރަކްގެ 30 އަހަރުގެ ލެއިން ތަތްތެޅިފައިވާ ވެރިކަން ކާމިޔާބުކަމާއެކު ވައްޓާލި އިންގިލާބަށް ފަހު އައި އުއްމީދާއި، ރަނގަޅު ކުރިމަގެއްގެ ވިސްނުމާއި އަދި ގައުމީ ފަހުރަށް ފަހު، މިސްރުގެ ރައްޔިތުން މިހާރު މިވަނީ އަނެއްކާވެސް ސުމަކަށް ޖެހިފައެވެ: އެހެން އަސްކަރީ ބާރުވެރިޔަކު މިވަނީ ވަހުމުން ފުރިފައިވާ އެހެން އިންތިހާބެއް ކާމިޔާބުކޮށްފައެވެ. އޭނާއާ ސިއާސީ ގޮތުން އިދިކޮޅު ފަރާތްތައް ފިލައިގެން ނުވަތަ ޖަލުގައި ނުވަތަ ކަށްވަޅުތަކުގައި ތިއްބައެވެ.

މިސްރުގައި ހިނގަމުންދާ ކަންތައްތައް އަހަރެންގެ އަމިއްލަ ގައުމު، ދިވެހި ރާއްޖެއާ ދާދި އެއްގޮތެވެ. އަހަރެމެން ވެސް ވަނީ ހުދުމުހުތާރު ވެރިއެއްގެ އަނިޔާވެރިކަން 30 އަހަރު ތަހައްމަލުކޮށްފައެވެ. އަހަރެމެން ވެސް ވަނީ ސުލްހަވެރި އިންގިލާބަކާއެކު ކުރީގެ ވެރިކަން ފޮހެލައި އާ ޑިމޮކްރެސީއެއް ގާއިމުކޮށްފައެވެ. އެ ޑިމޮކްރެސީ 2012 ވަނަ އަހަރު ވަނީ ބަގާވާތަކުން އަހަރެމެންގެ އަތުން ނިގުޅައިގަންފައެވެ. އެއަށް ފަހު އަހަރެމެންނަށް ފެންނަމުންދަނީ އަހަރެމެންގެ މިނިވަންކަމާއި އިންތިހާބީ ނިޒާމު ގުޑުވަމުން އަންނަ ތަނެވެ.

ދިވެހި ރާއްޖޭގެ ތަޖުރިބާތަކާއި އަރަބި ހަރީފު މޫސުން ނުވަތަ "އަރަބް ސްޕްރިންގް" ގައުމުތަކުން ފެންނަ އުސްއަލިތަކަކީ ހުދުމުހުތާރު ވެރިކަން ހިންގާފައިވާ އިސްލާމީ ގައުމުތަކުގައި ޑިމޮކްރެސީ ބިންވަޅުނެގުމުގައި ހުރި ދަތިކަމެވެ. ހުދުމުހުތާރު ވެރިއަކު ވައްޓާލުމަކީ ވެސް އޭގެ ޒާތުގައި ބުރަ ކަމެކެވެ. ނަމަވެސް ޑިމޮކްރެސީއަށް ލޯބިކުރާ ފަރާތްތަކަށް، އިންގިލާބަކުން އަންނަން ޖެހޭ ދިގު މުއްދަތުގެ ފައިދާތައް ހަރުދަނާކުރުން ސާބިތުވަމުން އަންނަނީ މާބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ.

ވިނަތައް ނޮޅުމަކުން އަދި މަލެއް ނުފަޅާނެއެވެ. ބަގީޗާއެއް ފަދައިން، ޑިމޮކްރެސީއަކީ ވެސް އިންދާ ބޮޑުކުރަން ޖެހޭ އެއްޗެކެވެ. އެހެން ނޫނީ ވިނަތައް އަލުން ފަޅަން ފަށާނީ ކުރިއަށްވުރެ ވެސް މާވަރުގަދައެއްކޮށެވެ.

އަހަރެންގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު – ފުރަތަމަ ޑިމޮކްރެސީ ހަރަކާތްތެރިއެއް ނުވަތަ އެކްޓިވިސްޓެއް ގޮތުން، އެއާވިދިގެން ދިވެހި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ހޮވުނު ރައީސްކަމަށްވެފައި އަދި އޭގެ ފަހުން ބަގާވާތެއްގެ ޝިކާރައަކަށް ވުމަށް ފަހު – އެނގުނު ކަމަކީ އެއް މަގުސަދެއްގެ ވަށައިގެން ސިޔާސީ ޕާޓީއެއް ބިނާކުރުމަކީ ޑިމޮކްރެޓުން އެންމެ ކުރީއްސުރެ ވެސް ފަށައިގަންނަން ޖެހޭ މުހިންމު އެއް ކަންތައް ކަމެވެ. މިއީ މިސްރުގެ "ލިބަރަލް" ނުވަތަ ތަނަވަސް ހިޔާލުގެ މީހުންނަށް ނުކުރެވުނު މަސައްކަތެވެ.

ޑިމޮކްރެސީ ތަންފީޒު ކުރުމަށްޓަކައި އެކަމުގެ އިންފްރާސްޓްރަކްޗަރު ހުރުން ބޭނުމެވެ. އާ ޑިމޮކްރެސީއެއްގެ އެންމެ މުހިންމު މުއައްސަސާއަކީ ސިޔާސީ ޕާޓީތަކެވެ. އެއީ އެކަމަށް ވާޖިބުވެގެންވާ ނަޓުތަކާއި ބޯލްޓްތަކެވެ. ޑިމޮކްރެސީ ފޯރުކޮށްދެވޭނެ މަގެވެ. އެ ޕާޓީތައް ގާއިމު ކުރުމަށް ފަހު، ޑިމޮކްރެސީގެ ޒަރީއާއިން ބާރު ލިބިގަންނާނެ އާ ވަސީލަތްތައް ޕާޓީތަކުގެ މެންބަރުންނަށް ދަސްކުރަން މަޖުބޫރުވެއެވެ. މުޖުތަމައުގެ އެންމެ ނިކަމެތި ފަންތި ނުވަތަ "ގްރާސްރޫޓްސް"އިން ފެށޭ ހިސާބުން ރައްޔިތުން ހަރަކާތްތެރި ކުރުވުމަށެވެ. ސިޔާސަތްތައް ކަނޑައެޅުމަށެވެ. އިންތިހާބަށް ކެމްޕޭން ކުރުމަށެވެ. ނޫސްވެރިކަމާ ގުޅުން ބަހައްޓާނެ ގޮތާއި އަދި މިފަދަ އެހެނިހެން ކަންތައްތަކެވެ.

މި ނިޒާމުގެ ދަށުން އާބާދީގެ ބޮޑު ބައިތަކެއްގެ މެދުގައި ޑިމޮކްރެސީގެ އަސާސްތައް އަށަގަންނުވައެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އިތުރު ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމަށް އިތުރު ޕްރެޝަރުތައް އުފައްދާނެ ގޮތް ދަސްވެއެވެ.

ދިވެހިންނަށް އެމީހުންގެ މައްޗަށް އޮތް ހުދުމުހުތާރު ވެރިކަން ފުދިއްޖެ ކަމަށް ނިންމުނު ހިނދު، އެތައް އެކްޓިވިސްޓުންނެއް، އޭގެ ތެރޭގައި އަހަރެން ވެސް ހިމެނޭ ގޮތަށް، ރާއްޖެއިން ބޭރުވެގަތީމެވެ. އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދީމެވެ. އެ ދުވަސްވަރު، 2004 ގައި، ސިޔާސީ ޕާޓީތައް ރާއްޖޭގައި ވަނީ މަނާ ކޮށްފައެވެ. އެހެންކަމުން އަރުވާލެވިގެން ހުރެ މަސައްކަތް ކުރުން ނޫން ގޮތެއް ނެތެވެ.

މަގުމަތީގައި މުޒާހަރާ ކުރުމަށް އަހަރެމެންގެ ހުރިހާ ހަކަތައެއް ފޯކްސް ކުރެވުނީސް ވެސް މެއެވެ. ނަމަވެސް އަހަރެމެންނަށް ފަހުމްވި ގޮތުގައި އިންތިހާބެއް ކާމިޔާބުކޮށް ނުވަތަ ސަރުކާރެއް އެކަށީގެންވާ ގޮތަކަށް ހިންގާނެ ގާބިލިއްޔަތުކަމެއް ނެތި އެ ވެރިކަން ވައްޓާލުމުގެ ބޭނުމެއް ނެތެވެ. ދިވެހި ރާއްޖޭގެ ހުދުމުހުތާރު ވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ހިތާދެކޮޅަށް 2008 ގައި ވާދަވެރި އިންތިހާބެއް ހުއްދަ ކުރިއިރު އެމްޑީޕީއަކީ ތަރައްގީ ކުރެވިފައިވާ ސިޔަސީ ޕާޓީއެކެވެ. އަހަރެމެންނަށް ރިއާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ވޯޓުގެ 54 އިންސައްތަ ލިބިގެންނެވެ.

އެއާ ހިލާފަށް، މިސްރުގެ ލިބަރަލުން ސަމާލުކަން ދިނީ މުބާރަކު ބޭލުމަށެވެ. އެކަން އެމީހުން ކާމިޔާބު ކުރިއެވެ. އަދި މިނިވަން ޑިމޮކްރެޓިކް މިސްރަކަށް އެދި އަހަރެމެން އެންމެން ނޭވާ ހިފަހައްޓާލައިގެން ތިބީމެވެ. ނަމަވެސް މުބާރަކް ވެއްޓުމަށް ފަހު، ލިބަރަލުންނަށް ރޭކާލީ، ޖެހިގެން އައި އިންތިހާބުތަކުގައި ކާމިޔާބު ކަމާއެކު ވާދަ ކުރެވޭވަރުގެ، އެކުލަވާ ސިޔާސީ ވަރުގަދަ ޕާޓީއެއް އެމީހުންގައި ނެތް ކަމެވެ. އެތައް އަހަރުތަކެއް ވަންދެން ސިއްރިޔާތުގައި ސިޔާސީ މެޝިނަރީއެއް ހިންގި މުސްލިމް ބްރަދަހުޑް ކުއްލިއަކަށް އައިސް ކާމިޔާބު ކުރިއެވެ. އެހެންކަމުން، ޑިމޮކްރެސީއަށް ލޯބިކުރާ މީހުންނަށް،  އެހެން ހުރިހާ ކަމަކަށް ވުރެ ކުރިން އޮތް އެންމެ މުހިންމު ފިލާވަޅަކީ މިއެވެ: ތިބާގެ ސިޔާސީ ޕާޓީ ބިނާ ކުރަން ސަމާލުކަން ދޭށެވެ.

އެހެނަސް، ކާމިޔާބު ސިޔާސީ ޕާޓީތަކެއް އުފެއްދުމަކީ، ޑިމޮކްރެސީ ގާއިމު ކުރަން ހަމައެކަނި ނާދިރު ކަމެކެވެ. މި ހިސާބުން އަންނަނީ އަހަރެންނަށް ލިބުނު ދެވަނަ ފިލާވަޅެވެ: ފަނޑިޔާރުންނާމެދު ފާރަވެރިވާށެވެ. ރާއްޖޭގައި، މިސްރު ފަދައިން، ތިބި ހުރިހާ ފަނޑިޔާރުންނަކީ ކުރީގެ ހުދުމުހުތާރު ވެރިޔާ ހޮވާފައިވާ ބައެކެވެ. ކުރީގެ ވެރިކަމަށް ވަފާތެރި މި ފަނޑިޔާރުންނަކީ އެމީހުންގެ ބާރު ނަގަހައްޓަން ކުރެވުނު ހުރިހާ ކަމެއް ކުރި ބައެކެވެ. އެ މީހުންނަކީ ޑިމޮކްރެސީއާ އިދިކޮޅު ނަޒަރިއްޔާތުތަކުން ފުރިގެންވާ ބައެކެވެ. އަދި އާ ޑިމޮކްރެސީ ނައްތާލަން ހަރަކާތްތެރިވިއެވެ.

އާމްދަނީ ލިބޭނެ ފިޔަވަޅުތަކަށް ފަނޑިޔާރުން ހުރަސްއެޅިއެވެ. ކުރީގެ ވެރިކަމުގައި ތިބި މީހުންނާ ދެކޮޅަށް ކުރެވުނު ކޮރަޕްޝަނާ ގުޅޭ ދައުވާތަކުން އެ ފަރާތްތައް ހިމާޔަތް ކޮށްދިނެވެ. އަދި އެ މީހުން އަމިއްލައަށް އެމީހުންނަށް އިތުރު ބާރުތައް ލިއްބައިދިނެވެ. ރާއްޖޭގައި، 2008 ގައި، އާ ގާނޫނު އަސާސީއެއް ފާސްކޮށް، ތިން ބާރު ވަކި ކުރުމުގެ ގޮތުން، ފަނޑިޔާރުންނަށް މިނިވަންކަން ދިނެވެ.

ނަމަވެސް ލޭ ރައްކާކުރާ ބޭންކްގެ ތަޅުދަނޑި ޑްރެކިއުލާއަށް ދިން ފަދައިން، އެތެރެ ފީވެފައިވާ ޝަރުއީ ނިޒާމަށް އިމެއް ނެތި ބާރުތައް މި ނިންމުމުން ދެވުނެވެ. މި މައްސަލަ އަދިވެސް ދަނީ ރާއްޖެއަށް ހިޔަނި އަޅަމުންނެވެ. މިދިޔަ އަހަރުގެ ރިއާސީ އިންތިހާބުގައި، މިސާލަކަށް، ކުރީގެ ވެރިކަމަށް ވަފާތެރި ކެންޑިޑޭޓުންނަށް ފައިދާ ކުރާނެ ގޮތްގޮތަށް ސުޕްރީމް ކޯޓުން ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އިންތިހާބުގެ ބުރުތައް ބާތިލު ކުރުމާއި އެ ބުރުތައް ފަސްކުރުން ފަދަ އުކުޅުތަކުންނެވެ. އިންތިހާބާ ގުޅޭ މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަންއަށް ގޯނާކޮށް، ވަގުތާ ގުޅޭ ގޮތަށް ގާނޫނުތައް ބަދަލުކުރަމުން ހަދަމުންނެވެ. މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ކޯޓުން އަނެއްކާވެސް މި ބީދައިން މަސައްކަތް ފެށިއެވެ. އިލެކްޝަންސް ކޮމިޝަނަރު މަގާމުން ދުރުކޮށް، އަދި އޭނާގެ މުވައްޒަފުންނަށް ބިރު ދެއްކިއެވެ.

މިނިވަން، ނަމަވެސް ކޮރަޕްޓްވެފައިވާ، ޝަރުއީ ނިޒާމަކާ ކުރިމަތިލުމަކީ އާ ވެރިންނަށް ހާއްސަކޮށް ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ހޯދާނެ ހައްލަކާމެދު ބައިނަލްއަގުވާމީ މުޖުތަމައު އަދިވެސް އޮތީ ހަދާނެ ގޮތް ހުސްވެފައެވެ. ދިވެހި ރާއްޖެއަށް، މިސާލަކަށް، އެހީ ވެދޭން ޖެހޭ އެއް ޖަމާއަތް ކަމަށްވާ އދ ވަނީ، ޝަރުއީ މިނިވަންކަމަކީ އެއްގޮތަކަށް ވެސް ބެހިގެންވާނެ ކަމެއް ނޫން ކަމަށް ނިންމައިފައެވެ. މިއީ ކަމުގެ ފަރުވާ ނޭނގޭ ނިންމުމެކެވެ. އަދި މިހެންވެ، އެކަށީގެންވާ ތައުލީމު ލިބިފައި ނުވާ، ކޮރަޕްޓްވެފައިވާ އަދި ޖިނާއީ ކުށްތައް ކޮށްފައިވާ ފަނޑިޔާރުންނާމެދު ވެސް އދ.އިން ބަލައިގެންފައިވަނީ އެއީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފަދަ ބައެއްގެ ގޮތުގައެވެ.

ކުރިމަތިލުމަކަށް ފަހު ނުވަތަ އިންގިލާބަކަށް ފަހު ޝަރުއީ ދާއިރާއަށް ބޭނުންވާ ފަދަ ހަރުކަށި އިސްލާހީ ޕްރޮގްރާމެއް ފެންނަން އޮތް މިސާލަކީ ކެންޔާ ކަމަށް ވެދާނެއެވެ. ކެންޔާގައި އާ ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީގައި ވަނީ ޝަރުއީ ނިޒާމް "އެހެލުމަށް" ފަހު ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ކަނޑައެޅުމުގެ މަރުހަލާ އިސްލާހު ކުރުމަށްޓަކައި "ވެޓިން އޮފް ޖަޖަސް އެންޑް މެޖިސްޓްރޭޓްސް ބޯޑު"ގެ ނަމުގައި ބޯޑެއް އުފައްދައިފައެވެ. ކޮލިފައި ނުވާ، ގާބިލިއްޔަތު ކަމެއް ނެތް ނުވަތަ ކޮރަޕްޓް ވެފައިވާ ފަނޑިޔާރުން މަގާމުން ދުރުކޮށްފައެވެ. ކޮންމެ ފަދަ ގޮތަކުން ނަމަވެސް، ޑިމޮކްރެސީ ސުންނާފަތިވަމުންދާ ގައުމުތަކުގައި "ވާރުތަވެފައިވާ" ޝަރުއީ ނިޒާމުތައް އިސްލާހު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމަށް ވަނީ އާ ގޮތެއް ދެނެގަންނަން ޖެހިފައެވެ.

މި ހިސާބުން އަންނަނީ އަހަރެންނަށް ތަޖުރިބާ ކުރެވުނު ތިންވަނަ އަދި ފަހު ފިލާވަޅެވެ؛ ދުވަހަކު ވެސް ދޫކޮށް ނުލާށެވެ. ޑިމޮކްރެސީ ހަރަކާތްތަކަށް ބޭނުންވަނީ ކެތްތެރިކަމާއި ކުރިމަގާމެދު އުއްމީދު އޮތުމާއި އަދި ކުރިއަށް ދިއުމަށް ވަރުގަދަ އަޒުމްއެކެވެ. އަހަރެންގެ ޖަޒީރާ ގައުމާމެދު އަހަރެން އަދިވެސް އުއްމީދު ކޮށްގެން މި ހުރީ ކިހިނެތްތޯ މީހުން އަހަރެންގެ ގާތުން ވަރަށް ގިނައިން ސުވާލު ކުރެއެވެ. ރާއްޖޭގެ ޑިމޮކްރެސީ ދަތުރާއި (އަދި ދިވެހި ރާއްޖެއަކީ ދުނިޔޭގެ އެންމެ ތިރި އެއް ގައުމު ކަމަށްވާތީ) އުފުލެމުންދާ ކަނޑުން ސަލާމަތްވާނެ ގޮތަކާމެދުއެވެ.

ނަމަވެސް، ހުދުމުހުތާރު ވެރިކަމެއްގައި ތިބާ ޑިމޮކްރެސީ ހަރަކާތްތެރިއަކަށް ވުމަށް ނިންމުމުން، ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ ފަރާތަކަށް ވުމުން، ކުރިމަގާ މެދު އުއްމީދު ބެހެއްޓުން ނޫން ގޮތެއް ތިބާއަކަށް ނޯންނާނެއެވެ. ސަބަބަކީ ދެން އޮތް މަގަކީ މާ އަނދިރި ގޮތެކެވެ.

މިއީ ހުރިހާ އެންމެންނަށް ވެސް މިކަން އޮންނާނެ ގޮތެވެ. މިސްރުގެ ލިބަރަލުން ފެށިގެން ދިވެހި ރާއްޖޭގައި އިންސާނީ ހައްގުތައް ދިފާއު ކުރާ ފަރާތްތަކާއި، ބަރުމާ އަދި ލީބިޔާ ފަދަ ގައުމުތަކުގައި އުޅޭ ޑިމޮކްރެސީ ހަރަކާތްތެރިންނަށް ވެސް މެއެވެ: ދުވަހަކު ވެސް ދޫ ނުކުރާށެވެ. އަދި ތިބާ މަސައްކަތް ކުރަމުން އަންނަ ނަޒަރިއްޔާތަކީ ގެއްލެނިވެފައިވާ ހަރަކާތެއްގެ ގޮތުގައި ދުވަހަކު ވެސް ހީ ނުކުރާށެވެ. ހިތްދަތިކަން ކުރިމަތިވި ނަމަވެސް، މަސައްކަތައިގެން ކުރިއަށްދާނެ، ކުރިން ހޯދިފައި ނުވާ އާ މަގުތަކެއް، ހުންނާނެއެވެ. ސެޕްޓެމްބަރު 2013 ގައި ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރު އަހަރެންގެ ޕާޓީން ކާމިޔާބު ކުރިތަނާ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން އެ އިންތިހާބު ބާތިލު ކުރިއެވެ. އަދި އަހަރެމެންގެ ޕާޓީއަށް އިންތިހާބު ގެެއްލެންދެން އިންތިހާބު އެތައް ފަހަރަކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރު ކުރުވިއެވެ. (މަތީގައިވާ ފޮޓޯއިން ފެންނަނީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވުމަށް ގޮވާލާ މުހައްމަދު ނަޝީދު މާލޭގައި ކުރި މުޒާހަރާއެކެވެ.) މި ހުރިހާ ކަމަކަށް ފަހު، ބައެއް ދިވެހިން އަހަރެންގެ ގާތުގައި ބުނީ އެ މީހުންގެ ގައުމުގެ ކުރިމަގާމެދު ނާއުއްމީދު ވެއްޖެ ކަމަށެވެ. އަހަރެން ދިން ޖަވާބަކީ މިއެވެ: "މިއީ ފޮތުގެ ނިމޭ ހިސާބު ކަމަށް ނުބަލާށެވެ. އަހަރެމެން އަދި މިއުޅެނީ ވާހަކައިގެ މެދުތެރޭގައެވެ. ވާހަކަ ނިމޭނީ ކިހިނެތްތޯ ކަނޑައަޅަން އެހާ އަވަހަށް ތެޅިފޮޅި ނުގަންނާށެވެ."

ރަނިލް ވިކްރަމަސިންހަ، ލަންކާގެ ކުރީގެ ބޮޑު ވަޒީރު، އެއް ފަހަރަކު އަހަރެންގެ ގާތުގައި ވިދާޅުވިއެވެ: "މިއުޒިކް ހުއްޓުމުން ތިބާ އިށީންނާށެވެ." މިއީ ސިޔާސީ ލީޑަރުންނަށް އެކަށޭނަ ގޮތަކަށް ވެދާނެއެވެ. ނަމަވެސް މިއީ ޑިމޮކްރެސީ ހަރަކާތްތެރިންނަށް ރަނގަޅު ގޮތެއް ނޫނެވެ. ހުދުމުހުތާރު ވެރިކަމަކީ، ފެންނަ ފެނުމަށް ވުރެ، މާ ނާޒުކު އެއްޗެކެވެ. ކުޑަކޮށް ކޮއްޕާލުމުން، އެ ވެރިކަމުގައި ހުރި އަމިއްލަ އިދިކީލި ކަންތައްތަކުގެ ސަބަބުން، އެ ވެރިކަމެއް ވަރަށް ގިނަ ފަހަރު އަމިއްލަ ބަރުދަން މައްޗަށް ވިދޭނެއެވެ. އެހެންކަމުން، ގޮތް ދޫ ނުކުރާށެވެ. ހިކުމަތު އަމަލީ ބޭނުން ކުރާށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުން، ކެތްތެރިވާށެވެ.

ހިނގަހިނގާ ހުންނަ ޑިމޮކްރެސީއެއްކަން ދޭހަކޮށްދޭ ސިފައަކީ ސުލްހަވެރިކަމާއި ގާނޫނާ އެއްގޮތަށް ވެރިކަން ބަދަލުވުމެވެ. އެއީ މުޖުތަމައު އާރާސްތުވެ ތަރައްގީވާ ގޮތެވެ. އަދި މިއީ ކޮންމެ ޑިމޮކްރެސީ ހަރަކާތްތެރިއެއްގެ އެންމެ މުހިންމު މަގުސަދެވެ. ރައީސް އޮބާމާ ދެވަަނަ ދައުރަކަށް ހުވާ ކުރެއްވި ވަގުތު، އަހަރެންގެ ގައިން ހީބިހި ނެގި ތަގުރީރެއް އިވިގެންދިޔައެވެ. އެއީ ދިވެހި ރާއްޖޭގެ ބަގާވާތަށް އެންމެ އަހަރެއް ވެސް ނުވަނީހެވެ. ސެނޭޓަރެއް ކަމަށްވާ ލާމާ އެލެކްސެންޑާ ވަނީ ޑިމޮކްރެސީ ހަރަކާތްތެރިންގެ ހުރިހާ މަގުސަދަކީ ކޮބައިކަން އެކީއެކައްޗަކަށް ވިދާޅުވެދެއްވައިފައެވެ: އެއީ، ސުލްހަވެރި ގޮތުގައި އަދި ގާނޫނީ ޒަރީއާއިން އާއްމު އުސޫލުން ވެރިކަން ބަދަލު ކުރުމެވެ. އޭނާ ވިދާޅުވިއެވެ: "ހަވަރެއް، ބަގާވާތެއް، އަދި އަނިޔާވެރިކަމާއެކު ސަރުކާރަކާ ކުރިމަތިލުމެއް ނެތެވެ. މިއީ އެތައް މިލިއަން ބަޔަކު ހުއްޓި ހުރެ އަދި ބަލަން ހުންނަ ވަގުތުކޮޅެކެވެ." ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ޑިމޮކްރެސީ ހަރަކާތްތެރިންނަށް، އެ މީހުން ތިބީ އެކަތިގަނޑަކަށް ކަޑަތަކުގައި ކަމަށް ވިޔަސް، ނުވަތަ އެ މީހުންގެ ޖަލު ގޮޅިތަކުގައި ދުވަސްތައް ގުނަން ކަމަށް ވިޔަސް، ހުރިހާ ކަމެއް މުހިންމުވާ ދަނޑިވަޅަކީ މި ވަގުތުކޮޅެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ