އާއިލީ ޑޮކްޓަރުންގެ ޕްރޮގުރާމާއި އެކު އާސަންދަ ސުވާލެއްގެ ތެރެއަށް؟

އާއިލީ ޑޮކްޓަރުންގެ ޕްރޮގުރާމާއި އެކު އާސަންދަ ހިދުމަތް ކުރިއަށް އޮތްތާނގައި ލިބޭނެގޮތާއި މެދު ސުވާލު އުފެދިއްޖެއެވެ. އާއިލީ ޑޮކްޓަރުގެ ޕްރޮގުރާމުއި ރަޖިސްޓްރީ ކުރަން ފެށުމަށް އިހަވަންދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިއުލާނުގައި ވަނީ ސަރުކާރުގެ ސޯޝަލް އިންޝިއުރެންސް ނިޒާމު [އާސަންދަ] ގެ ދަށުން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން ޞިއްޙީ ޚިދުމަތް ހޯދުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތަކު މި (އާއިލީ ޑޮކްޓަރުންގެ) ނިޒާމަށް ރަޖިސްޓްރީ ވާން ޖެހޭކަމަށެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ އާއިލީ ޑަކްޓަރު ޕްރޮގުރާމުގައި ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ދެން އާސަންދައިގެ ހިދުމަތް ލިބޭނެކަމާއި މެދު އުފެދޭ ސުވާލެވެ؟ މިސުވާލުގެ ޖަވާބަހޯދުމަށް މަސައްކަތްތަކެއް ކޮށްލީމެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގެ ބަސް
އިހަވަންދޫ ސިއްހީ މަރުކަޒުގެ މުވައްޒަފަކަށް ގުޅާލުމުން އެބޭފުޅާ ބުނީ އާއިލީ ޑަކްޓަރު ޕްރޮގުރާމުގައި ބައިވެރިނުވިއަސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށާއި، އެމަރުކަޒުން ކޮށްފައިވާ އިއުލާނަކީ އެކޮޅުން (ހެލްތު މިނިސްޓްރީން) ފޮނުވާފައިވާ ގޮތަށް ކޮށްފައިވާ އިއުލާނެއް ކަމަށެވެ. އެމަރުކަޒުން ކޮށްފައިވާ އިއުލާނުން، އާއިލީ ޑޮކްޓަރު ޕްރޮގުރާމަށް ރަޖިސްޓުރީ ނުކުރާ ފަރާތްތަކަށް ދެން އާސަންދައިގެ ހިދުމަތް ނުލިބޭނެކަމަށް ދޭހަވާކަމަށް އެމުވައްޒަފުވެސް އެއްބަސްވެއެވެ.

އެންސްޕާގެ ބަސް
ސަރުކާރުގެ ސޯޝަލް އިންޝިއުރެންސް ނިޒާމު [އާސަންދަ] އިގެ ބެލެނެރިވެރި ފަރާތް ކަމުގައިވާ އެންސްޕާޔާވެސް އެކަން އޮންނަގޮތް ސާފުކުރުމަށް ގުޅާލީމެވެ. "ތިކަން ސާފުކުރަން މިކޮޅަށް ވަރަށް ގިނައިން މީހުން އެބަގުޅާ! އަޅުގަނޑުމެންގެ އޮފިހަކުން ހަމަގާމުވެސް އެއްވެސްތާކަށް ނާންގަ ވަކި ޕްރޮގުރާމެއްގައި ރަޖިސްޓްރީ ކޮށްގެންނޫނީ ދެން އާސަންދަ ނުލިބޭނެކަމަކަށް.." އެންސްޕާގެ މުވައްޒަފަކު ބުންޏެވެ.

ހެލްތް މިނިސްޓްރީގެ ބަސް
މިކަމުގައި ހެލްތް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ކުރެވުނު މަސައްކަތުން މައުލޫމާތު ދެވޭވަރުގެ ފަރާތަކާއި ބައްދަލުވާގޮތެއް ނުވިއެވެ. އާއިލީ ޑަކްޓަރ ފުރަގުރާމުގައި އަތޮޅަކަށް ކަނޑައަޅާފައި ހުންނަ ކޯޑިނޭޓަރަކު ނަން ނުޖެހުމަށް އެދި ބުނީ އާއިލީ ޑަކްޓަރު ޕުރޮގުރާމުގައި ބައިވެރި ވުމަކީ ދެން އާސަންދަ ހޯދުމަށް އަމަލުކުރަން ޖެހޭގޮތްކަމަށާއި، އެޕްރޮގުރާމުގައި ރަޖިސްޓުރީ ނުވާ ފަރާތްތަކަށް އާސަންދަ ދެންލިބޭނެކަން ނުވަތަ ނޫންކަންވެސް އޭނާއަށް ނޭގޭކަމަށެވެ.

ބެލެވޭ ގޮތުގައި އާއިލީ ޑޮކްޓަރުންގެ ޕްރޮގުރާމުގެ މައުލޫމާތު އެކަމުގައި ހަރަކާތްތެރިވަމުންދާ މުވައްޒަފުންނަކަށްވެސް މާކަބޮޑަކަށް އޮޅުން ފިލުވާ ދީފައެއް ނުވެއެވެ. ފަހަރެއްގައި ނުއުފަންނަ ޕުރޮގުރާމެއް، ސަރުކާރުގެ ވައުދެއް ފުއްދުމުގެ ގޮތުން އަވަސް އަރުވާލާފައި ހިންގަންފެށީ ކަމަށްވެސް ވެދާނެއެވެ.

ރިޔާސީ އިންތިހިބުގައި ރައީސް ޔާމީންވި "ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް" ވައުދަކީ އެތައްބަޔަކަށް އޮޅުންއެރި ވައުދެކެވެ. އެއްބަޔަކުތިބީ ކޮންމެ އާއިލާއަކަށް ޑަކްޓަރެއް ލިބޭނެކަމުގެ އިންތިޒާރުގައެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން ލަފާކުރެވެނީ ކޮންމެ އާއިލާއަކަށް ޑަކްޓަރަކު ހަމަޖައްސާނީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫގެ ހުރިހާ އާއިލާއެއްގެ އާއިލީ ޑޮކްޓަރުންނަށް ވާނީ މިހާރުވެސް އިހަވަންދޫ ސިއްހީ މަރުކަޒުގައި ހިދުމަތް ކުރަމުންދާ ދެ ޑޮކްޓަރުންނެވެ.

ބައެއް މީހުން ބުނާގޮތުގައި އާއިލީ ޑޮކްޓަރު ޕްރޮގުރާމާއި އާސަންދަ ގުޅުވަނީ، އާއިލީ ޑޮކަރުންގެ ޕޮރޮގުރާމުގައި ވީހާވެސް ގިނަބަޔަކު ރަޖިސްޓްރީކޮށް ސަރުކާރުގެ ވައުދުތަކަށް ރަތްޔިތުންގެ ތާއީދު އޮތްކަން ދެއްކުމަށެވެ.

އާއިލީ ޑޮކްޓަރުގެ ޕްރޮގުރާމުގައި ރަޖިސްޓްރީ ނުވާފަރާތްތަކަށް އާސަންދަ ލިބޭނެކަން ނުވަތަ ނޫންކަމުގެ ސާފު ޖަވާބެއް، ހެލްތް މިނިސްޓުރީން ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ދޭން އެބަޖެހެއެވެ. ހަމަގައިމުވެސް އިހަވަންދޫ ރައްޔިތުން އެކަމާ ހުރެ މިހާރު ހަނާވަނީއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސިޔާސީ ގޭމު ކުޅެ ކުޅެ ތިބޭ. ރައްޔިތުންނަށް އަޅާލާނެ ކަމެއް ނެތް.

– 29 ޖޫން 2014 0