ހޮނުއަޅައި، މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހއ. އިހަވަންދޫ ގެ މަގެއް.
އިއްޔެ އިރުއޮއްސުނު ވަގުތު އިހަވަންދުއަށް ހޮނުއެޅުމުގެ ސަބަބުން ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ހޮނުއެޅުމާއެކު ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ގޮސްފައިވާއިރު ގިނައަދަދެއްގެ ކަރަންޓު ސާމާނުވަނީ ހަލާކުވެފައެވެ.
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް ޢަބުދުލްމުޢީދު އިބްރާހީމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ ލިބުނު ބައެއް ގެއްލުންތަކުގެ މައުލޫމާތު މިއަދުގެ 13:00 އާ ހަމައަށް އެއްކުރެވިފައިވާއިރު ގެއްލުމުގެ އަގު އެތައް ލައްކައަކަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
އެގޮތުން ގެއްލުން ލިބިފައިވާ ތަކެތީގެ ތެރޭގައި 33 ޓީވީއާއި 33 ޑީކޯޑަރ އަދި އެއަރޓެލް ސިސްޓަމަކާއި 2 ކޮމްޕިއުޓަރ ސިސްޓަމުގެ އިތުރުން އޮޓަމެޓިކް ދޮންނަމެޝިނަކާއި އެއަރކޮންޑިޝަނެއް ހިމެނެއެވެ. އަދި މީގެ އިތުރުން އެހެނިހެން ކަރަންޓް ސަމާނުތަކުގެ އިތުރުން ބައެއް މިސްކިތްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އިހަވަންދޫ ކޭބަލް ޓީވީ ސާވިސް އިން ޚިދުމަތްދިނުމަށް ބޭނުންކުރާ ގިނަ ސާމާނު ހަލާކުވެފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އިހަވަންދޫ ކޭބަލް ޓީވީ ސާވިސްއިން މައުލޫމާތުދިން ގޮތުގައި އިއްޔެ ހޮނުއެޅުމުގެ ސަބަބުން ބައިމިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށެވެ. އެހެންކަމުން ޚިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި ޚިދުމަތް ދިނުމަށް ބޭނުންކުރާ ބައެއް ތަކެއްޗަކީ ރާއްޖެއިން ބޭރުން ގެންނަ ތަކެތިކަމަށް ވުމުން ފުރިހަމައަށް ޚިދުމަތް ދިނުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
އަދި ކޭބަލް ޓީވީ ގެ ޚިދުމަތަށް ދާދި ފަހުން ގެނެވުނު ބަދަލާއެކު، ޚިދުމަތް ހޯދުމަށް ގެތަކުގައި ބޭނުންކުރަމުން އައި ޑީކޯޑަރ ތައް ހަލާކުވެފައިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ޑީކޯޑަރ ދޫކުރުމުގެ ވިސްނުން އެބަހުރިކަމަށް އިހަވަންދޫ ކޭބަލް ޓީވީ ސާވިސްއިން މައުލޫމާތު ދެއެވެ.
ޚިޔާލު ފައުޅުކުރުން