ގޯތި ދޫނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް: ޢަލީ ރަމީޒް

ފޮޓޯ: ފޭސްބުކް
ހައުސިންގ މިނިސްޓްރީން އަންގަވައިގެން އިހަވަންދޫން ގޯތި ދިނުން މަޑުޖައްސާލާފައިވާ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާޞިފް ވިދާޅުވި ނަމަވެސް، އިހަވަންދޫން ގޯތި ދިނުން ހުއްޓާލަން ޖެހޭ ފަދަ އެއްވެސް އެންގެވުމެއް ހައުސިންގ މިނިސްޓްރީން އަންގަވާފައި ނުވާކަމަށް ކައުންސިލް މެމްބަރ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ބަސްދީގަތުމެއްގައި ޢަލީ ރަމީޒް ވިދާޅުވީ ހައުސިންގ މިނިސްޓްރީން އަންގަވާފައި ވަނީ ކައުންސިލްގެ މެމްބަރުން، ބަދަލުވުމުގެ މަރުހަލާގައި ބިމާބެހޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް ކަމަށެވެ. އެ މަރުހަލާ މިހާރު ފުރިހަމަވެ ނިމިފައި ވާތީ އިހަވަންދޫން ގޯތި ދޫކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ރަމީޒް ވިދާޅުވިއެވެ.
އިހަވަންދޫން ގޯތި ދޫކުރުމަށް ކައުންސިލުން ކުރިން ނިންމާފައިވާ ޤަރާރު ތަންފީޒްކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، ގޯތި ޙައްޤުވެ އެކަމުން މަހުރޫމްވެފައިވާ ރައްޔިތުން މާޔޫސް ނުވުމަށް ވެސް ރަމީޒް އެދިވަޑައިގަތެވެ.
އިހަވަންދޫ ކައުންސިލުން 2013 ފެބްރުއަރީ 25 ވަނަ ދުވަހު ވެފައިވާ އިޤުރާރުގައި އޮންނަނީ، ގޯތި ބޭނުންވެ އަކަމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ގޯތި ދެވެން އޮވެމެ ގޯތި ނުދީ ހިފެހެއްޓުމަކީ އިހަވަންދޫ ކައުންސިލަށް ކުރެވޭނެ ކަމެއްކަމަށް ނުފެންނާތީ އާއި، އެ ފަރާތްތަކަށް ގޯތި ހަމަޖައްސައި ނުދެވިއްޖެ ނަމަ، އެ ފަރާތްތަކަށް ލިބިގެންވާ އަސާސީ ބައެއް ޙައްޤުތައް ގެއްލިދާނެ ކަމަށް ފެންނާތީ އާއި، އަދި އެ ފަރާތްތަކަށް ގޯތި ދެވެން އޮވެމެ ގޯތި ނުދީ ހިފެހެއްޓުމަކީ ލާމަރުކަޒީ ޤާނޫނުން އިހަވަންދޫ ކައުންސިލްގެ މައްޗަށް ލާޒިމްކޮށްފައިވާ ޒިންމާތަކާވެސް ޚިލާފުވުންކަމަށް ފެންނާތީ، ލާމަރުކަޒީ ޤާނޫނުން އިހަވަންދޫ ބިމާއި ރައްޔިތުންގެ މައްޗަށް އިހަވަންދޫ ކައުންސިލަށް އޮތް ޒިންމާ އަދާކުރުމަށްޓަކައި އަދި އެ ޤާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ނުދިން ނަމަވެސް ޝަރުތު ހަމަވި 248 ފަރާތަށް ވެސް ގޯތި ދިނުމަށެވެ.
ޢަލީ ރަމީޒަކީ ކައުންސިލްގެ ކުރީގެ މެމްބަރުންގެ ތެރެއިން ދެ ވަނަ ދައުރަކަށް އިންތިޚާބުވި ހަމައެކަނި މެމްބަރެވެ.
ޚިޔާލު ފައުޅުކުރުން