ރައީސް ނަޝީދު އިހަވަންދޫގެ ރައްޔިތުންނަށް ދެއްކި ދަޅަ

އިހަވަންދޫއަކީ ހީވާގި ރައްޔިތުންތަކެއް ދިރިއުޅެމުން ގެންދާ ދިވެހި ރާއްޖޭގެ ޖަޒީރާ ރައްތަކުގެ ތެރެއިން ރަށެކެވެ. އަބަދުވެސް އިހަވަންދޫ ރައްޔިތުންނަކީ އެބައިމީހުން ކުރާމަސައްކަތުގެ އެހީގައި އެބައިމީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ބައެކެވެ. ވަކިމީހަކުދައްކާ ދަޅައަކަށް ހެއްލި އެބައިމިހުންގެ މަސައްކަތްތައް ހުއްޓާލައި ދެއަތް އުރާލާގެން ތިބޭނެ ބައެއްނޫނެވެ. އެބައިމީހުންގެ މަސައްކަތްތަކުގައި ފަރުވާތެރި އެއްބައިވަންތަ ބައެކެވެ.

އިހަވަންދޫއަކީ ރާއްޖޭގެ ވެރިކަން ބަދަލުކުރުމުގައި، މިހާރުގެ ރައީސާއެކު އަނެއް ދިވެހި ރާއްޖޭގެ ނަމުގައި ކެންޕޭނުކޮށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއްވި އެއްރަށެވެ. އެކަން އެހެންވި އެއްސަބަބަކީ ކެންޕޭނުތެރޭގައި ދެއްކި ހުވަފެންތަކެވެ. އާދޭހެވެ. ކޮންމެ މީހަކުވެސް ކަމެއް ބޭނުންވެފައި ހުންނަ ހިނދުކޮޅުތަކުގައި ދޮގާއި މަކަރު ހެދުމަކީ އާއްމުކަމެކެވެ. ރައިސް ނަޝީދުގެވެސް އަމަލުތައް ހުރީ ހަމައެގޮތަށެވެ. އެމަނިކުފާނު ކެންޕޭނުގެ ތެރޭގައި ދެއްކި ވާހަކަތައް ބިލާހަކަށް ވެއްޖެއެވެ. އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނިދިންހޭލައި މަންޒަރެވެ.

ކެންޕޭނު ތެރޭގައި އެމަނިކުފާނު ދެއްކެވި ނުވަތަ ދެއްކެވުނު ވާހަކަތަކަށް މިވަގުތު އަޅުގަނޑު ބަލައިލާކަށް ބޭނުމެއްނޫނެވެ. ސަބަބަކީ އެއީ ވެރިކަން ހޯދަންވެގެން އެމަނިކުފާނު ދެއްކެވި ދަޅަތަކަކަށް ވާތީއެވެ. މިހާރު އަޅުގަނޑު އަލި އަޅުވާލަން ބޭނުންވަނީ ވެރިކަން ލިބުމަށްފަހު އެމަނިކުފާނު އިހަވަންދޫއަށް ވަޑައިގެން ދެއްކެވި ޖާދުވީ ވާހަކަ ތަކުގެ މައްޗަށެވެ. އެމަނިކުފާނުވީ ވަޢުދު ނުފުއްދައޭ ބުނާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ އެމަނިކުފާނު ވިދާޅުވާ ގޮތުގައި އެމަނިކުފާނު ކުރި ފުރަތަމަ ވަޢުދު ފުއްދާފިއެވެ. އެއީ ރައްޔިތުންގެ  އާއްމުހާލަތު ދައްކުރުމުގެ ގޮތުން 11 ނޮވެމްބަރު 2008 ވީ ދުވަހު ވެރިކަމުގެ ހުވާކުރުމުގެ ވަޢުދު ފުއްދާފައި ވާތީއެވެ.

ރައީސް ނަޝީދު 2009 މެއި 5 ވީ އަންގާރަދުވަހު އިހަވަންދޫއަށް ވަޑައިގެން އިހަވަންދޫ މަދަރުސާގައި އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކި ހުވަފެންތަކުގެ ތެރެއިން އެއްހުވަފެނަކީ އިހަވަންދޫގައި ބޮޑު ބަނދަރެއް، ރަނގަޅު ބަނދަރެއް 2009 ވަނަ އަހަރުތެރޭގައި ހަދައިދޭނެ ކަމުގެ ހުވަފެނެވެ. އެމަނިކުފާނު އެދުވަހު އެދެއްކެވި ވާހަކަތަކަކީ ބިލާހެއްކަން މިހާރު ޔަޤީން ވެއްޖެއެވެ. މިއަހަރުގެ އާދެ! 2010 ވަނައަހަރުގެ ބަޖެޓުގައި އިހަވަންދޫގެ ބަނދަރު ހެދުމުގެ މަސްރޫއުގެ ވާހަކަ ނެތްކަމީ އެކަމުގެ އެއްދަލީލެވެ.

ދެއްކި ދަޅަތަކުގެ ތެރެއިން ދެވަނަ ކަމަކީ އިހަވަންދޫގެ ރައްޔިތުންނަށްޓަކައި، އިހަވަންދޫގައި މަސްބަންދުކުރާ ފެކްޓްރީއެއް 2009 ވަނަ އަހަރު ނިމުމުގެ ކުރިން ހަދައިދޭނެކަމުގެ ހުވަފެނެވެ. އިހަވަންދޫގެ ރައްޔިތުން ބާނާމަސް އަގުބޮޑުކޮށް ވިއްކުމަށް އިހަވަންދޫގެ ރައްޔިތުންނަށް ލިބޭނެކަމަށް ބުނި ރަނުގެ ފުރުޞަތު ލިބޭނޭ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ. އިހަވަންދޫގެ ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުންތަކެއް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ އުފާވެރިކަމުގެ ތެރޭގައި ތިއްބެވެ. ރައީސް ނަޝީދު އެދެއްކެވި އެހުވަފެން ހަޤީގަތަކަށް ވާނެކަމުގެ އެއްވެސް ޔަޤިންކަމެއް މިހާރަކު ނެތެވެ. 2010 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވެސް އެމަނިކުފާނު އެބުނާ މަސްބަންދުކުރާ ކާރުހާނާގެ ނަންވެސް ފެންނަން ނެތްކަމީ ވަރަށް ދެރަކަމެކެވެ.

ރައީސް ނަޝީދުވަނީ 2009 މެއި 5 ވީ އަންގާރަ ދުވަހު އިހަވަންދޫގައި ދެއްކެވި ވާހަކަ ފުޅުގެތެރޭގައި އިހަވަންދޫގައި ތިބެގެން މަތީ ތަޢުލީމު ހޯދައިދިނުމަށްޓަކައި ބޭރުން މަދަރުސާއެއް ގެންނާނެވާހަކަ ވިދާޅުވެފައެވެ. އެއީ އެހެން ގައުމުތަކުގެ މީހުންވެސް މަތީ ތައުލީމު ހޯދުމަށް އިހަވަންދޫއަށް އައުން އެކަށީގެންވާ ފެންވަރުގެ މަދަރުސާއެކެވެ. ނަމަވެސް 2010 ވަނައަހަރު ފެށިގެން ދިޔައިރުވެސް މިދިޔަ 2009 ވަނަ އަހަރުގެ ތެރޭގައި އަޅާދޭން ބުނި މަދަރުސާ އަދި އެޅާފައެއް ނެތެވެ. މީވެސް ތެދަކަށް ވާނެކަމުގެ ޔަޤީން ކަމެއްނެތެވެ.

ވަރަށް އާދައިގެ ކަމެއްކަމަށްބުނެ 2009 ވަނަ އަހަރުތެރޭގައި ނަރުދަމާއާއި ފެނާއި ކަރަންޓުގެ ހިދުމަތް ފެށޭނެކަމަށް ބުނިނަމަވެސް އެއިން އެއްވެސް ކަމެއް އަދި ފެށިފައެއްނެތެވެ. އަދި 2010 ވަނައަހަރަށް ލަފާކުރާ ބަޖެޓުގައިވެސް އެމަނިކުފާނު އެދެންނެވި ހިދުމަތްތަކުގެ ވާހަކަ ނެތްކަމަކީ ރައީސް ނަޝީދަކީ ވަރަށްބޮޑަށް ދަޅަ ދައްކާ ބޭފުޅެއްކަން ޔަޤިންވާ އެއްސަބަބެވެ.

2009 ވަނަ އަހަރުތެރޭގައި އިހަވަންދޫގެ ވަށައިގެންވާ މަގުގައި ޓާރު އަޅައިދޭނެކަމަށާއި 2009 ވަނައަހަރު ތެރޭގައި 100 ގެ އެޅުމުގެ މަސައްކަތް ފަށާނެވާހަކަ ބުންޏެވެ. އެހެންނަމަވެސް ހުސްވަޢުދުވާ ރައީސް ނަޝީދުގެ އެވަޢުދު ފުއްދޭނެކަމުގެ އެއްވެސް ޔަޤިން ކަމެއްނެތެވެ. އެމަނިކުފާނު ވިދާޅިވި ފަދައިން އިހަވަންދޫގެ ރައްޔިތުންނަށް ދެއްކޭނެ ދަޅައެއް ނޯންނާނެއެވެ. އަދި ހާއްޞަކޮށް ރައީސް ނަޝީދަކަށް އިހަވަންދޫގެ ރައްޔިތުންނަށް ދެއްކޭނެ ދަޅައެއް ނުދެއްކޭނެއެވެ. ރައީސް ނަޝީދަށް ކުރެވޭނެ ހާވެސް ކަމަކީ ސިވިލްސާވެންޓުންގެ މުސާރަ ކުޑަކުރުމާއި، ކަރަންޓުގެ އަގުބޮޑުކުރުންފަދަ ކަންތައްތަކެވެ. މަނިކުފާނަށް ވެރިކަން ނުކުރެވޭނެކަމަށް ވާނަމަ އަވަހަށް އިސްތިޢުފާދެއްވާ ގެކޮޅަށް ވަޑައިގަންނަވާށެވެ.

ހިޔާލުތައް (11)
11 ބުރާސްފަތި, 18 ފެބުރުއަރީ 2010 13:21
ހޭވައްލާ
ރައީސް ނަޝީދުގެ ވަޢުދު ތަކާއި ކުރައްވާނެކަމަށް ވިދާޅުވާކަންތައްތަކާއި ދޭތެރޭ އެއްވެސް ވަރަކަށް ނުވިސްނުންރަގަޅީ. އެކަމާ ވިސްނާ އެވާހަކަދައްކާ މީހަކަށް އެނޫން ކަމެއްނުކުރެވޭނެ. އެއީ އެމަނިކުފާނަށް ވިދާޅުވެވޭ އެއްޗެއް އެމަނިކުފާނަށް ނޭގޭއިރު ކިހިނެއް އެހެންމީހުންނަށް އެނގޭނީ؟ ދެން ވައުދަށް ވަޢުދު ނުކިޔަމާހިނގާ ވައުދަށް ކިޔަން ރަގަޅު އެހެންނަމެއް ހޯދަންވީނު!
10 ބުރާސްފަތި, 18 ފެބުރުއަރީ 2010 12:54
ބޮގަންބޯ
އާސިމް ދެން މި ފުކެއް ބޮޑު ވަރު ދޯ!!ދެން ދިގު ހާސަރު ތަކެއް ނުދަމާ"ނަޝީދު ވެރިކަމުން ފައިބަންނާށޭ"ބުންޔަސް ރަނގަޅުވާނޭނު ދޯ؟؟؟
9 ހޯމަ, 08 ފެބުރުއަރީ 2010 11:36
ހަސަން
ލިޔުންތެރިޔާއަށް ސާބަސް. ފަށްފަށުން ޝުކުރު ދަންނަވަން. ސަރުކާރަށް ފާޑުކިޔެން ވާނެ ފާޑު ކިޔަން ޖެހޭނެ. ރައްރަށުގައި ހިނގާ ނޭދެވޭ ކަންތައްތައް، ގައުމުގައި ހިނގާ ނޭދެވޭ ކަންތައްތައް ހުއްޓުވުމުގައި ތިފަދަ ލިޔުންތެރިންގެ މަސައްކަތް ވަރަށް ބޮޑު.
8 އާދިއްތަ, 07 ފެބުރުއަރީ 2010 22:20
ހުސޭނުބޭ
އެ ސޮރަށް ވެސް 30 އަހަރު ދޭން ވީނު. މައުމޫނު ކުރިވަރުގެ 100 ގުނަ އިތުރައް ތަރައްޤީ ކުރާނެ. އަދި އެއް އަހަރު ނުވެގެން އުޅޭއިރު މި ކިޔަނީ ކަމެއް ނުވެޔޭ. 30 އަހަރާ އެއް އަހަރާ އަޅާބަލާބަލަ. ކިހިނެއްތޯފެންނަނީ. މި އާސިމުމެން ބުނަނީ ހުރިހާ ތަރައްޤީ އެއްވެސް ގެނައީ މައުމޫނޯ. 30 އަހަރު ތެރޭ އެއްވެސް ދޮގެއް ނަހަދަޔޯ. ދެ ކޮޅަސްވެސް ވިސްނާގެން ލިޔާތި.
7 އާދިއްތަ, 07 ފެބުރުއަރީ 2010 18:40
ހައްޤުބަސް
ހުސޭނުބޭ، ރައީސް ނަޝީދު ބުނުއްވީ ދެއިރު ދެދަޅައަށް ވެއްޓޭ ކަހަލަ ބަނދަރެއް ހަދައިދޭ ވާހަކައެއް ނޫނޭ.60 މިލިއަން ރުފިޔާގެ ބަނދަރެއް 2009 ވަނަ އަހަރު ނިމުމުގެ ކުރިން ހަދަން ފަށާނޭ ވާހަކަ. ބަލަ މަޢުމޫނު މިޤައުމު ދޮވެލާފައި އޮތީމަތަ ވެރިކަން ލިބުނު އިރަށް މުސާރަ ބޮޑުކުރީ. މިހާރު އެވިދާޅުވަނީ ބޮޑުކުރީއެއް ނޫނޭ ހަމަހަމަ ކުރީއޭ. މުސާރަ 'ހަމަހަމަ' ކުރި ދުވަހު ރައީސް ނަޝިދު ދެއްކެވި ވާހަކަފުޅުގެ ރެކޯޑިންގ ނިކަން އަޑުއަހާލަބަލަ. ހީވާ ގޮތުން މިލިޔުނު ލިޔުންތެރިޔާވެސް ކަންބޮޑުވެގެން އެއުޅެނީ މިފަދަ ބޮޑެތިޮ ދޮގުތައް ހައްދަވާތީ. ހުސޭނުބޭމެން ނިކަން ހޭލަބަލަ.
6 އާދިއްތަ, 07 ފެބުރުއަރީ 2010 15:25
މ.އިމްރާން
އާސިމޫ. ހާދަވަރެއް އަރުވާލައިފަ މިއޮތީ.. އަދި އެކަންކަން ނުވެފަކާ ނެތެއްނެ.. ރައީސް ނަޝީދު ހޮވާފާ އެހުރީ 5 އަހަރަށް. އެއްއަހަރުން ހުރިހާ ކަމެއް ނިންމާ ގޮތަކަށް ނޫން. އެހެންވީމާ އިސްތިއުފާއަށް އަދި ނުގޮވާ. އެކަމަކު، އެކަންކަން ކޮށްދިނުމަށް ބާރުއެޅިދާނެ.
5 ހޮނިހިރު, 06 ފެބުރުއަރީ 2010 15:07
ކަލޯ
ސަމީރާށް ސާބަސް ތީ ހިރުން ވަރަށް ބޮޑަށް ބަވާލީދޯ!! ހަމަހޭގަގާ ހުންނަވާ!! ވާނުވާ ނުބަލާ ހިތައް އަރާހާ ވާހަކަތައް ނުލިޔަމާ އިހަވްންދޫ ރައްޔިތުންނަކީ ހިއްވަރުގަދަ ބައެއް ބޭނުން ވެއްޖެއްޔާ އެކަމެއްކުރާނޭ!! ހަދާން ވޭތަ ކަރަންޓް!!! ހެހެހެހެހެހ އަދި ނަޝީދު އާއި ޖައްސަން އެބައުޅޭނު! ހެހެހެހެެހ
4 ހޮނިހިރު, 06 ފެބުރުއަރީ 2010 02:15
ހުސޭނުބޭ
ކުރީ ސަރުކާރުން ވީ ވައުދު ތަކުގެ ތެރެއިން ކިތައްވައުދު ތޯ ފުއްދީ ބޭނުންވަނީ ދެއިރު ދެދަޅަޔަށް ވެއްތޭކަހަލަ ބަދަރެއްނަމަ އަހަރެންވެސް ހަދާދީފާނަން. އެއްވެސް ކަމެއް ނޯން. ޑީއާރުޕީ އަށް ވިކުނަސް ތީ ތަންކޮޅެއް ބޮޑުވަރު. އާސިމަށް މި ލިޔުން މިހެން މި ލިޔެވެނީ ވެސް ﷲ ގެ ވާގިފޫޅާއި އެކު އެސޮރު ކުރި ބުރަ މަސައްކަތުން ކަން ނޭގޭތަ. ކޮށްފަޢި ހުރި އެއްވެސް ހެޔޮކަމެއް ހަމަ ނުފެންނަނީތަ. ބަލަ ކުރިޔަށް ވުރެ މުސާރަ މިހާރުވެސް މާ ބޮޑު މީ ދޮގެއްތޯ ބަލަން ނިކަން މުސާރަ ލިބޭ މީހެއް ގާތު އަހާލަބަ. ކަލޭ ބޭނުންވަނީ ކަލޭ ރަގަޅަށް ކާގެން ދަރިން ކޮޅު ބަޑަށް ޖައްސަންތަ އެ ސޮރުވާ ލާރިނުޖަހާ ވެސް ރައްޔިތުން ގެ ރުހުން ގެއްލުނަސް ގައުމުގެ މުސްތަގުބަލަށްޓަކާ މަސައްކަތް ކުރޭބަތާ. ނޭގޭތަ މައުމޫނު ދިޔައީ ޤައުމު ދޮވެލާފަ ކަމެއް ދުނިޔޭގެ ހުރިހާ ގައުމެއްގެ އިޤްތިޞާދު ދއްވިކަމެއް. މިކަހަލަ ތާކުން ތާކު ނުޖެހޭ އެއްޗެއްނޫނީ އެހެން މީހުންގެ ސިކުނޑިން ވިސްނާމީހުނަކަށް ނުލިޔެވޭނެ. ނިކަން ﷲ ދެއްވި ބުއްދީގެ ބޭނުން ހިފޭތޯ ބަލާބަ.
3 ހުކުރު, 05 ފެބުރުއަރީ 2010 20:11
ހެޔޮއެދޭ
ބަލަ އާސިމްއަށް އެނގޭތަ ރަށްރަށުގައި ކުރާ ތަރައްޤީގެ ހުރިހާ ކަމަކީ ދައުލަތުގެ ބަޖެޓްގައި ކޮންމެހެން ހިމަނައިގެން ކުރަން ރާވާފައި ހުންނަ ކަންތައްތަކެއް ނޫން. ރައީސް ނަޝީދު ވި ވަޢުދުތައް ނުފުއްދޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތޭ ތިހެން ބުނާއިރު ކޮބާއި އޭގެ އެއްވެސް ހެއްކެއް، ޤަރީނާއެއް، ހަމަ ވާހަކައެއް ތިހެން ލިޔުނަކަސް މިހާރަކު ނުފުދޭނެ. "ވަރަށް އާދައިގެ ކަމެއްކަމަށްބުނެ 2009 ވަނަ އަހަރުތެރޭގައި ނަރުދަމާއާއި ފެނާއި ކަރަންޓުގެ ހިދުމަތް ފެށޭނެކަމަށް ބުނިނަމަވެސް އެއިން އެއްވެސް ކަމެއް އަދި ފެށިފައެއްނެތެވެ." ކަރަންޓްގެ ޚިދުމަތް ލިބެޔޭ. އެކަންވެސް ތި ބޭފުޅާއަށް އަދި ނޭނގެނީތަ. އެހެންވީމާ ކީއްކުރަން ކަރަންޓްގެ ޚިދުމަތް އަލުން ފަށަނީ.
2 ހުކުރު, 05 ފެބުރުއަރީ 2010 14:19
ބޯއީ
ހެހެހެހެހެހެހެހ.....ކަލޭ ބުނެގެން ދޭނަމަ ދޭނެ ދޯ މިހާރު...
1 ބުރާސްފަތި, 04 ފެބުރުއަރީ 2010 16:45
ސަމީރު
މިއީ އެންމެން ދަންނަ ކަމެކެވެ. މިވާހަކަތައް އިތުރަށް ލިޔެގެން ރައީސް ނަޝީދަށް ތާޢިދުކުރާ މީޙުންގެ ހިތްތައް ހަލާކު ކުރަން ނޫޅޭށެވެ.

ހިޔާލު ދެއްވާ

ނަން:
ހިޔާލު: